ޚަބަރު

ކުއްޖަކު ލައްވައި ސައިކަލު ދުއްވި މީހާއަށް ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓަށް ފޮނުވައިފި

ފާތިމަތު ލިޔުޝާ

ކުއްޖަކު ލައްވައި ސައިކަލު ދުއްވި މީހާއަށް ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ފިޔަވަޅު އަޅަން ފޮނުވީ ޓްރެފިކް ގާނޫނާ ހިލާފުވެފައި ވާތީކަމަށެވެ.

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގައި ކުޑަކުއްޖަކު ލައްވައި މީހަކު ސައިކަލު ދުއްވި މައްސަލައާ ގުޅިގެން ކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފެށީ މިދިޔަ ހުކުރު ދުވަހުގައެވެ.

ކުއްޖަކު ލައްވައި ސައިކަލު ދުއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީވެސް އެ ދުވަހުގައެވެ. ނަމަވެސް އެ ވީޑިއޯއަކީ ކޮން އިރަކު ހިނގި ކަމެއްކަން އެނގޭނެ ގޮތެއް ވީޑިއޯއަކު ނެތެވެ.

ކާރެއްގައި ދިޔަ މީހަކު ނަގާފައިވާ ކަމަށް ބެލެވޭ އެ ވީޑިއޯގައި ފެންނަނީ ކަޅުކުލައިގެ އެއާބްލޭޑް ސައިކަލެއްގެ ކުރިއަށް ކުޑަކުއްޖަކު ލައިގެން ދުއްވާފައިދާއިރު އެ ކުއްޖާގެ އަތަށް ސައިކަލުގެ ކަނާތް ފަރާތް ނުވަތަ ސްޕީޑް ކޮންޓްރޯލް ކުރަން ދީފައި ހުންނަ ތަނެވެ. ފަހަތުގައި އިން ފިރިހެން މީހާ ވައަތުން ހުންގާނުގައި ކުޑަކޮށް އަތް ޖައްސާލައިގެން އިންނައިރު، އޭނާގެ ކަނާއަތް އޮތީ ފައިމަތީގައި ބާއްވައިލައިފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ބުނީ ކުއްޖާ އަތަށް ސައިކަލް ދުއްވަން ދިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ގަސްދުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ބުންޏެވެ.