ޚަބަރު

ގުދުސްގައި ހުރި އދ.ގެ އޮފީސް އަތުލަން އިޒްރޭލުން ނިންމުމުން، ރާއްޖެއިން އެކަން ކުށްވެރިކޮށްފި

އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ގާއިމުކޮށްފައިވާ އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ)ގެ އޮފީސް އަތުލުމަށް އިޒްރޭލުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އދ. ގެ އޭޖެންސީތަކާއި އެހީ ދޭ ޖަމާއަތްތައް ހުއްޓުވައި، އެހީތެރިންނަށް ހުރަސް އަޅައި ހަމަލާ ދިނުމަށް އިޒްރޭލުން ހިންގަމުންދާ އަމަލުތައް ކުށްވެރިކުރާ ކަމަށާއި އެއީ ބައިނަލްއަގްވާމީ ގާނޫނާއި އިންސާނިއްޔަތުކަމުގެ ގާނޫނުތަކާ ހިލާފު އަމަލުތަކެއް ކަމަށެވެ.

އެ ބަޔާނުގައި ބުނީ، އެ ފަދަ ކަންކަމުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި އަސާސީ ހައްގުތައް ލިބިދިނުމަށް ހުރަސް އެޅޭ ކަމަށެވެ.

މި އުނދަގޫ ދަނޑިވަޅުގައިވެސް ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތް އަންރުވާއިން ކުރާ މަސައްކަތް ރާއްޖެއިން ބަލައިގަންނަން" އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އިތުރަށްބުނީ ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި އެ ގައުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ގައުމެއްގެ ގޮތުގައި ކަމަށެވެ.