ދުންފަތާ ދުރަށް ރައީސް، ޑރ. މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ދަށުން އަޅުއްވާ އިތުރު ވަރުގަދަ ފިޔަވަޅުތަކެއްގެ ގޮތުގައި ސިނގެރޭޓާއި ބިޑީގެ ޑިއުޓީ ރޭޓް 8 ރުފިޔާއަށް ބޮޑުކުރަން ނިންމަވައިފި އެވެ.
މިގޮތަށް ނިންމެވިކަން އެ މަނިކުފާނު އިއުލާނުކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި އެ މަނިކުފާނު ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން އިތުރު ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް އަންނަ ނޮވެމްބަރު މަހުގެ އެކަކުން ފެށިގެން ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފުތާގައި މަޖިލީހަށް ފޮނުއްވަން ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އާއްމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތައް އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން،" ރައީސް ވިދާޅުވިއެވެ.