ޚަބަރު

ނަސީރު އަނެއްކާވެސް ފިނޭންސްގެ އެޑްވައިޒަރަކަށް

ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ގަވަރުނަރު އަހްމަދު ނަސީރު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ބަދަލުކުރެއްވުމަށްފަހު އަނެއްކާވެސް ފިނޭންސްގެ އެޑްވައިޒަރުގެ މަގާމަށް ބަދަލުކޮށްފިއެވެ.

ނަސީރު، ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޑިސެމްބަރު 12 ގައެވެ. އެ މަގާމަކީ މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.

މާލީ އެޑްވައިޒަރުގެ މަގާމުގައި ނަސީރު ހުންނަވަނިކޮށް ފޮރިން މިނިސްޓްރީ އަށް އޭނާ ބަދަލުކުރެއްވީ މިދިޔަ އޭޕްރީލް މަސް ތެރޭގައެވެ. އެއީ އެ މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި ނަސީރު މިހާރު އަނެއްކާވެސް ހުންނެވީ، އެ މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމުގައެވެ.

ނަސީރު އަލުން ފިނޭންސް މިނިސްޓްރީއަށް ބަދަލުކުރައްވާފައިވާއިރު، މި ފަހުން ވަނީ ކެބިނެޓަށް ބައެއް ބަދަލުތައް ގެންނަވާފައެވެ. އެގޮތުން ފޮރިން މިނިސްޓަރަކަށް ކުރިން ހުންނެވި މޫސާ ޒަމީރު، ފިނޭންސް މިނިސްޓަރަކަށް އަދި ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަލީލް ވަނީ ފޮރިން މިނިސްޓަރުގެ މަގާމަށް، އައްޔަނުކުރައްވައިފައެވެ. ހެލްތު މިނިސްޓަރަކަށް އައްޔަނުކުރެއްވީ އެ މަގާމު މީގެ ކުރިންވެސް އަދާކުރެއްވި އަބްދުﷲ ނާޒިމްއެވެ.