އުރީދޫ މޯލްޑިވްސްގެ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޝަރަފުވެރި ހާވާޑް ޔުނިވާސިޓީއާ ގުޅިގެން ކުރިއަށްގެންދާކަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.
އުރީދޫން 2021 ވަނަ އަހަރު ފެށި އެ ޕްރޮގްރާމަކީ މުވައްޒަފުން ބާރުވެރިކޮށް ކުރިއަރުވައި، ދުނިޔޭގެ ފެންވަރުގެ ތަމްރީނާއި ހުނަރާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި އެއީ މިހާތަނަށް އެފަދަ ޔުނިވާސިޓީއަކުން މުވައްޒަފުންނަށް ރާއްޖޭގައި ތަމްރީނު ފޯރުކޮށްދެވޭ ފުރަތަމަ ފަހަރުކަން އުރީދޫން ފާހަގަކުރެއެވެ.
އުރީދޫން މިއަދު ބުނީ ކޮންމެ އަހަރަކުވެސް އުރީދޫގެ އުންމީދީ ދެ ލީޑަރުން އެ އިންޓެންސިވް ޕްރޮގްރާމުން ގްރެޖުއޭޓްވެ، ކުންފުނީގެ ތެރޭގައި އިނޮވޭޝަނާއި ކުރިއެރުމަށް އަގުހުރި އިލްމުތަކެއް ގެނެސްދޭ ކަމަށާއި އެ އިނީޝިއޭޓިވްގެ ސަބަބުން، ހުނަރުވެރިން ތަރުބިއްޔަތުކުރުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް އިންވެސްޓްކުރުމަށް ދެމިތިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދާ ކަމަށެވެ. އަދި މިދިޔަ ތިން އަހަރުގެ ތެރޭގައި ޖުމުލަ ހަ މުވައްޒަފުން ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށް އުރީދޫން ބުންޏެވެ.
އެކަމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން އަދި ގްރޫޕް އެޗްއާރު އެންޑް ސަސްޓެއިނަބިލިޓީ އޮފިސަރު ފާތިމާ އަލް ކުވާރީ ވިދާޅުވީ އުރީދޫ ޓީމުގެ މުވައްޒަފުން ގްރެޖުއޭޓްވެ، ޝަރަފުވެރި ހާވާޑް ލީޑާޝިޕް ޕްރޮގްރާމްގައި ކިޔަވަމުން އަންނަ ދަރިވަރުންނާ މެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ. އަދި އެ މުވައްޒަފުންގެ ވިސްނުންތަކަކީ ހަގީގަތުގައިވެސް ކުންފުނީގެ މުސްތަގުބަލު ރަމްޒުކޮށްދޭ، އަމިއްލަ ކުރިއެރުމާއި ލީޑާޝިޕް ޑިވެލޮޕްމަންޓަށް އެ މުވައްޒަފުން ދޭ އަހައްމިއްޔަތުކަން ކަށަވަރުކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
"އުރީދޫގައި، އަޅުގަނޑުމެންގެ ހުރިހާ މާކެޓެއްގައި ވެސް ހުނަރުވެރިކަން ތަރުބިއްޔަތުކޮށް، ލީޑަޝިޕް ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވޭ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މި ޕްރޮގްރާމުގައި ކިޔެވި ސްޓާފުންގެ ފަރާތުން އިނޮވޭޝަނާއި އެކްސެލެންސްއަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރަން،" އޭނާ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލްހަމާދީ ވިދާޅުވީ ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ ލީޑާޝިޕާއި އުފެއްދުންތެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ މުހިންމު ތަނބެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ދަސްވެނިންނާ މެދު އަޅުގަނޑުމެން ވަރަށް ފަހުރުވެރިވަން. އެ މީހުންގެ ކުރިއެރުން ރަމްޒުކޮށްދެނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ހިދުމަތް ފޯރުކޮށްދިނުމުގައި އާ މިންގަނޑުތަކެއް ކަނޑައެޅުމަށް އުރީދޫން ކުރާ މަސައްކަތް،" ޚާލިދު އަލްހަމާދީ ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރު އެޗްއާރް ފަޒްނާ މަންސޫރު ވިދާޅުވީ އުރީދޫ ތަރައްގީކުރަނީ މުވައްޒަފުން ކުރިއަރުވައިގެން ކަމަށާއި އެ ޝަރަފުވެރި ޕްރޮގްރާމަކީ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ހިތްވަރު ލިބޭ ޓްރާންސްފޯމޭޓިވް ތަޖުރިބާއެއް ކަމަށެވެ.
އުރީދޫން ބުނީ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން، އުރީދޫ މޯލްޑިވްސް އަކީ އަންނަން އޮތް ޖީލުގެ ލީޑަރުން ތަރުބިއްޔަތު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި ރާއްޖޭގައި މިފަދަ ފާހަގަކޮށްލެވޭ ފުރުސަތެއް ހޯދައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކަށްވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.