ޚަބަރު

ވޭޕް ފްލޭވާގެ ނަމުގައި އެތެރެކުރި ކެނަބިސް ޝިޕްމަންޓެއް އަތުލައިގެންފި

ވޭޕް ފްލޭވާގެ ގޮތުގައި އެތެރެ ކުރި މަސްތުވާތަކެތީގެ ޝިޕްމަންޓެއް އަތުލައިގެންފިއެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕް އޮއިލްގެ ގޮތުގައި އެތެރެކުރި ކެނެބިސް ޝިޕްމެންޓް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.

"ސްކޫލުތަކުގެ ކިޔަވާ ކުދިންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ވަނީ ފާހަގަކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ވޭޕް އޮއިލްގެ ގޮތުގައި އެތެރެކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް އަތުލައިގެންފައިވާ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވިއްކުން މަނާ ކުރަން ނިންމަވައިފައެވެ.

އެގޮތުން ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާވާނެއެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.