ޚަބަރު

މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ކޮމިޓީން ފާސްކޮށްފި

އިބްރާހިމް ޒަކީ

1

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅު މ. މުރައިދޫގޭގެ މުވައްޒަފުންނާއި އެ މީހުންގެ ވަނަވަރާއި މުސާރައާއި އިނާޔަތްތައް ހިމެނޭ ގޮތުން ހުރިހާ މައުލޫމާތެއް ހާމަކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފިއެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކުރީ، އެ މައުލޫމާތު ހާމަނުކޮށް ސިއްކުރަން ފާސްކުރިތާ ހަތް ގަޑިއިރު ފަހުންނެވެ.

މި މައްސަލައަކީ، މުރައިދޫގޭގައި ތިބި މުވައްޒަފުންނާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް އެކި ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގައި އެދެމުންދާތީ އެކަމަށް ގޮތެއް ނިންމައިދިނުމަށް އެދި މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން މަޖިލިސް އިދާރާއިން ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ، މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅުގައި ތިއްބަވާ މުވައްޒަފުންގެ އަދަދާއި ނަމާއި މުސާރައިގެ ތަފްސީލާއި އެމީހުންގެ މަގާމުތަކަށް ގެނައި ބަދަލާއި އެމީހުން މަގާމުތަކަށް އައްޔަންކޮށްފައިވާ ގޮތާއި އައްޔަންކުރި މީހުންގެ ވަނަވަރު ހޯދުމަށް އެކި ފަރާތްތަކުން މަޖިލިސް އިދާރާއަށް ހުށަހަޅަމުންދާ ކަމަށެވެ.

ނަމަވެސް އެ މައުލޫމާތުތައް ހާމަކުރުމަކީ މަޖިލިސް ރައީސަށް ނުރައްކާވެދާނެ ކަމެއް މެދުވެރިވެދާނެ ކަމެއްކަމުން، އެ ހުށަހެޅުންތަކުގައި ހޯދުމަށް އެދިފައިވާ މައުލޫމާތުތަކުގެ ތެރެއިން މަޖިލިސް އިދާރާއަށް ދޫކުރެވޭނެ މިންވަރާ މެދު ކޮމިޓީގެ ލަފައަކަށް އެދޭ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

މިކަމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ކޮޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްްވީ ހެނދުނު 9:30 ގައެވެ.

އެ ބައްދަވުން ސިއްރުކުރަން ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މަޖިލިސް ރައީސްގެ ގެކޮޅުގެ މުވައްޒަފުންނާއި އެމީހުންގެ މުސާރަ އާއި އެލަވަންސްގެ މައުލޫމާތު ހާމަނުކުރަން ހުށަހެޅުއްވީވެސް ހަމަ ފަލާހެވެ.

ފަލާހު ހުށަހެޅުއްވިގޮތަށް ފާސްކޮށް ހެނދުނުގެ ކޮމިޓީ ބައްދަލުވުން ނިންމައިލިއެވެ.

ނަމަވެސް އެ މައުލޫމާތު ހާމަ ނުކުރަން ފާސްކުރި ނިންމުން ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންގެވުމާއެކީ، ހަވީރު 4:00 އަށް 241 ކޮމިޓީގެ ކުއްވި ބައްދަލުވުމެއް ބާއްވަން އެޖެންޑާ ކުރިއެވެ.

އެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) ވިދާޅުވީ، އެ ބައްދަލުވުމަކީ ހެނދުނުގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާކޮށް ކޮމިޓީން ނިންމި ނިންމުން އަލުން މުރާޖައާކުރަން ޖެހޭކަމަށް މުގައްރިރަށް ފެނިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އެއަށްފަހު މަޖިލިސް އިދާރާއިން ކޮމިޓީއަށް ފޮނުވި ސިޓީގައިވާ ކަންތައްތަކާ މެދު އަލުން ގޮތެއް ނިންމުމުގެ މަޝްވަރާއަށް ހުޅުވައިލެއްވިއެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސްގެ ރަސްމީ ގެކޮޅުގައި ތިއްބެވި މުވައްޒަފުންގެ ނަމާއި ވަނަވަރު އަދި މުސާރަ އާއި އިނާޔަތުގެ މައުލޫމަތު ހޯދުމަށް އެދިފައިވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަށް ހުށަހެޅުއްވީވެސް ފަލާހެވެ. ނަމަވެސް އޭގެ ހަތް ގަޑިއިރު ކުރިން އޭނާ ހުށަހެޅުއްވީ އެ މައުލޫމާތު ނުދިނުމަށެވެ.

ފަލާހުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްވެސް ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ.

ނާޒިމް ވިދާޅުވީ، ގާނޫނުގައި ބުނާ މިންވަރަށް މައުލޫމާތު ދިނުމަކީ މުހިއްމުކަމެއް ކަމަށެވެ. މި ސަރުކާރު ވުޖޫދުވެގެން އައިއިރުވެސް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަަދަ މައުލޫމާތެއް ފިޔަވައި އެހެން ހުރިހާ މައުލޫމާތެއް މީޑިއާއަށް ހިއްސާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އެކަން ހިފެހެއްޓުމަށްޓަކައި ސިޓީގައި އޮތް މިންވަރަށް މައުލޫމާތުދިނުމަކީ މުހިއްމުކަމެއް ކަމަށް ވިދާޅުވި ނަމަވެސް ނާޒިމް ވިދާޅުވީ، ވަޒީފާތަކުގައި ތިބޭ މީހުންގެ ނަން އަދި އެމީހުންނާ ބެހޭ މައުލޫމާތު ކޮންމެހެން ހިއްސާކުރާކަށް ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން މުސާރަދޭ މުވައްޒަފުންގެ މައުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ވިދާޅުވެ، ގެކޮޅުގައި ތިބި މީހުންގެ އަދަދާއި ކްލެފިކޭޝަނާއި މުސާރަ ހާމަކުރަން އޭނާ ހުށަހެޅުއްވިއެވެ. އޭނާ ވިދާޅުވީ އެ މިންވަރުން ގައުމީ ސަލާމަތަށް ނުރައްކާ ނުވާނެ ކަމަށެވެ.

އެ ހިސާބުން އެ ކޮމިޓީގައި އިންނަވާ ހަމައެކަނި އިދިކޮޅު އެމްޑީޕީގެ މެންބަރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ، ހެނދުނު ބޭއްވި ބައްދަލުމުގައި އެ މައްސަލައަށް ކޮމިޓީން ގޮތެއް ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި މުގައްރިރު ސޮއި ނުކުރެއްވުމަކީ އޭނާގެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ކޮމިޓީން ގޮތެއް ކަނޑައަޅައި ފާސްކޮށްފައިވަނިކޮށް ހަމަ އެ މައްސަލައިގައި އަލުން ކޮމިޓީ ބައްދަލުވުން ނުބޭއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ދެން އެ މައްސަލައިގައި ކޮމިޓީ ބައްދަލުވުން ބޭއްވޭނީ އެ މައްސަލަަ އެހެން ގޮތަކަށް ކޮމިޓީއަށް ހުށަހަޅައިގެން ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޓީ ބައްދަލުވުމަކީ ގަވާއިދާ ހިލާފަށް ބާއްވާ ބައްދަލުވުމެއް ކަމަށް ވިދާޅުވެ، ބައްދަލުވުން ކުރިއަށް ގެންދިއުމުގެ ކުރިން މަޖިލީހުުގެ ކައުންސެލް ޖެނެރަލްގެ ލަފާ ހޯއްދެވުމަށް އޭނާ މުގައްރިރަށް ދެންނެވިއެވެ.

ނަމަވެސް ކޮމިޓީ މުގައްރިރު ސަލީމް ވިދާޅުވީ، މައްސަލަ ނިންމީ ވެސް އެ ކޮމިޓީން ކަމަށާއި، އަނބުރާ އެކަން ބާތިލުކުރުުމުގެ ބާރު ކޮމިޓީއަށް އޮންނާނެ ކަމަށެވެ. އަދި ބައްދަލުވުން ކުރިއަށްދަނީ އުސޫލާ ހިލާފަށް ކަަމަށްވާނަމަ ގަފޫރު ކޮމިޓީން ނިކުންނެވުމަށްވެސް ސަލީމް އެންގެވިއެވެ.

ނަމަވެސް ގަފޫރު ވިދާޅުވީ ބައްދަލުވުމުން ނުނިކުންނަވާނެ ކަމަށެވެ. އަދި ބައްދަލުވުނުް ގަވާއިދާ ހިލާފު ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެެ.

އެކަމާ ގުޅިގެން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވީ، ކޮމިޓީން ނިންމާފައި ހުންނަ މައްސަލަ އެޖެންޑާކުރުުމުގެ ބާރު ކޮމިޓީއަށް އޮންނާނެ ކަމަށާއި އެކަމަށް ކައުންސެލް ޖެނރަލްގެ ލަފާ ހޯދަން ނުޖެހޭ ކަމަށެވެ.

ފަލާހުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ވާހަކަދައްކަވަމުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވިދާޅުވީ، ކޮމިޓީގެ ނިންމުން ބަދަލުވެސް ކުރެވޭނެ ކަމަށާއި، އަދި އެބޭފުޅުން ބޭނުންނަމަ އެކަމަށް ބަހުސްވެސް ކުރެވޭނެ ކަމަށެވެ.

ގަފޫރު އިތުރު ފުރުސަތަކަށް އެދުނު ނަމަވެސް ފުރުސަތު ނުދެއްވައި މުގައްރިރު ސަލީމް ފަލާހުުގެ ހުށަހެޅުއްވުމަަށް ވޯޓަށް އެއްސެވިއެވެ.

ނަމަވެސް އެއީ ފަލާހުގެ ހުށަހެޅުއްވުމަށް އަމިއްލަ ބައެއް އިތުރު ކުރެއްވުމަށްފަހުގައެވެ. އެއީ ފަލާހު ހުށަހެޅިގޮތަށް މައުލޫމާތުތައް ދޭން ފާސްކުރުމުގެ އިތުރުން، އެ މައުލޫމާތު ހާމަ ނުކުރުމަށް ހެނދުނުގެ ބައްދަލުވުމުން ނިންމި ނިންމުން ފާސްކުރުން ބާތިލުކުރުމަށް ހިމަނައިގެންނެވެ.

ފަލާހުގެ ހުށަހެޅުމާއެކު އެގޮތަށް ކޮމިޓީން ފާސްކުރިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟