އިބްރާހިމް ޒަކީ
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.
ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތެއްގެ މަތީން ކަމަށް ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ވަނީ ބަޔާން ކޮށްފައެވެ.
އެހެންކަމުން އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމުގައި އިއްވުމުން އެ މައްސަލަ ދިރާސާ ކުރުމަށް އެ މައްސަލަ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިކަން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިއުލާން ކުރެއްވިއެވެ.
އައިއޭއީއޭގައި ރާއްޖޭން ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މި މަޝްރޫއު އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.