އިސްލާމީ މަރުކަޒުގައި މަސްފެންގަނޑު ހެދުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެން އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދަން މިމަހުގެ ދެވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ އިއުލާނެއް ކޮށްފައެވެ.
ނަމަވެސް ޖެހިގެން އައި ދުވަހު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ އިއުލާން ބާތިލުކުރުމަށް އަންގަވައިފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ އެގޮތަށް އެންގެވީ އިގުތިސޯދީ ހާލަތު ހުރި ގޮތުން މިވަގުތު އެފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިމަހުގެ ހަތް ވަނަ ދުވަހު ބުނީ މިނިސްޓަރު ޝަހީމާ ބައްދަލުކުރައްވައި، އެ މަސައްކަތަށް ޝައުގުވެރިވާކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދަންނަވާފައިވާ ކަމަށެވެ. އަދި މިއަދު ވަނީ އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ވިދާޅުވިއެވެ.
އެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާ، ސީއެސްއާރުގެ ދަށުންނެވެ. އަދި ސްޓެލްކޯގެ އަމާޒަކީ، މުޖުތަމައަށް ތާރީހީ އަދި ސަގާފީ މުހިންމު އެތަން ހިމާޔަތްކޮށް، ކުރިއެކޭ އެއްގޮތަށް އެތަނަށް ދިރުން ގެނައުން ކަމަށް ފަހުމީ ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒަކީ 1980ގެ އަހަރުތަކުގައި އިސްލާމީ ގިނަ ގައުމުތަކެއްގެ އެހީގައި އިމާރާތްކުރޮށްފައިވާ ތަނެކެވެ. އެތަން ހުޅުވީ 1984 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ގައެވެ.