އެމްޓީސީސީގެ "ސުޕަވައިޒަރުންގެ މަހާސިންތާ 2024"ގެ ނިމުން ފާހަގަކޮށްފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ މަހާސިންތާއަކީ އެ ކުންފުނީގެ ސުޕަވައިޒަރުންނަށް އަމާޒުކޮށް ޖުމުލަ 107 ސައިޓް ސުޕަވައިޒަރުން ބައިވެރިކޮށްގެން އެ ކުންފުނިން ކުރިއަށްގެންދިޔަ މަހާސިންތާއެކެވެ.
އެ މަހާސިންތާގެ މަގުސަދަކީ ކުންފުނީގެ އުމްރާނީ ތަރައްގީގެ މަސައްކަތުގައި، ސައިޓްތަކުގައި މަސައްކަތްކުރާ ސުޕަވައިޒަރުން އިތުރަށް ތަމްރީނުކުރުމެވެ. މި މަހާސިންތާއަކީ އެ ކުންފުނީގެ އެޗްއާރު ޑިޕާޓްމަންޓުން ކުރިއަށްގެންދާ އަހަރީ ފޯރަމެކެވެ.
ސައިޓް ސުޕަވައިޒަރުންނަކީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމުގައި ސައިޓުތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުން ކަމަށް އެމްޓީސީސީން ބުންޏެވެ.
ރޭ އުމަރު ޒާހިރު ބިލްޑިންގުގައި ބޭއްވި "ސުޕަވައިޒަރުންގެ މަހާސިންތާ 2024" ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގެ މެންބަރުންނާއި ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އާއި މެނޭޖިން ޑައިރެކަރާއި ބޯޑު މެންބަރުން ކަމަށް އެމްޓީސީސީން ބުންޏެވެ.
ޝެޝަންތައް ނަންގަވައިދެއްވީ އެ ދާއިރާގައި ތަޖުރިބާލިބިފައިވާ އެ ކުންފުނީގެ އެކިއެކި ޑިވިޝަންތަކުގެ ވެރީންނާއި ފަންނުވެރިން ކަމަށް އެމްޓީސީސީން ބުންޏެވެ.
މިއަހަރުގެ މަހާސިންތާގެ ބައިވެރިންނަށް، މަޝްރޫއުތައް ކުރިއަށްގެންދިއުމާ ގުޅޭގޮތުންނާއި ލީޑަޝިޕް އަދި ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމަށް މައުލޫމާތު ދީފައިވާނެ ކަމަށާއި އެމްޓީސީސީން ހިންގާ މަޝްރޫއުތަކުގެ ކޮލިޓީ ރަނގަޅު ކުރުމާއ،ި ސަރުކާރުން ބޭނުންވާ އަވަސްމިނުގައި މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ހަރަދު މެނޭޖުކުރުމާއި މަޝްރޫއުތައް ނިންމަން އޮންނަ ވަގުތުގެ ތެރޭގައި ރަނގަޅު ފެންވަރުގައި މަޝްރޫއުތައް ނިންމުމާ ގުޅޭގޮތުން ބައިވެރީން
ހޭލުންތެރިކޮށްފައި ވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރުން އެމްޓީސީސީގެ މަޝްރޫއުތަކުގައި ބޭނުންކުރާ މެޝިނަރީ އާއި އުޅަނދުފަހަރު ބަލަހައްޓާ "ޕްރިވެންޓިވް މެއިޓެނެންސް"ގެ އިމުގު ތެރެއިން ކުންފުންޏަށް އެންމެ ފައިދާވާ ގޮތަށް ވަސީލަތްތަކުގެ ބޭނުންކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރި ކަމަށާއި އެމްޓީސީސީ އާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް ފޯރަމްގައި އަލިއަޅުވައިލައިފައި ވާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ. އަދި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ މުވައްޒަފުން ސިއްހީގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބަހައްޓަން ޖެހޭ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުވައިލައި އެކަމާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް ބައިވެރިންނާ ހިއްސާކުރި ކަމަށާއި އެމްޓީސީސީގެ މުވައްޒަފުންގެ ހައިސިއްޔަތުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަނޑުތަކަށް މުވައްޒަފުން ހޭލުންތެރިކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީން ގަބޫލުކުރަނީ އެ ކުންފުނީގެ އެންމެ މުހިއްމު ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުންކަމަށާއި އެފަދަ ހޭލުންތެރިކަމުގެ ފޯރަމްތަކުގެ އިތުރުން، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށް ސްކޮލަޝިޕާއި ޓްރޭނިން ފުރުސަތުތައް ފަހިކޮށްދިނުމަކީ އެމްޓީސީސީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ގޮތުން ފާއިތުވި އަހަރު 1603 މުވައްޒަފުންނަށް އެކިއެކި ދާއިރާއިން ޖުމުލަ 22،143 ގަޑިއިރުގެ ތަމްރީން ދީފައިވާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީގެ އަމާޒަކީ ހިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިއުން ކަމަށާއި ކަސްޓަމަރުންނާއި ހިއްސާދާރުންނާއި ވިޔަފާރީގެ ބައިވެރިންނާއި އާއްމު ރައްޔިތުން ވޭތުވެދިޔަ 43 އަހަރު ދެގޮތެއް ނުވެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ދެމެހެއްޓުން ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.