އިބްރާހިމް ޒަކީ
އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް އާއިޝަތު އަޒީމާ އައްޔަން ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވައިފިއެވެ.
އަޒީމާ އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު ކަމަށް އައްޔަންކުރުމަށްޓައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު، މަޖިލިސް ތަޅުމަށް އިއްވުމުން އެކަން އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިކަން ރިޔާސަތުން އިއުލާން ކުރެއްވިއެވެ.
އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އަޒީމާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ އެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގައެވެ.
އަޒީމާ ގެންދަވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގައި އެކި ފަންތީގެ މަގާމުތައް އަދާކުރައްވަމުންނެވެ.
އެގޮތުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު އަދާކުރައްވާފައިވެއެވެ. ހާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމުވެސް އޭނާ އަދާކުރެއްވިއެވެ.