ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ހަނޑުލު ގުޅައަކީ ދިވެހިންނަށް އަބަދުވެސް މީރު ހެދިކާއެކެވެ.
ބޭނުންވާ ތަކެތި:
2 ޖޯޑު ހަނޑޫ ފުށް (ހިމުންކޮށް ފުނޑާފައި)
1/2 ޖޯޑު ހުނި
2 ދަޅު މަސް
2 ފިޔާ (ތުނިކޮށް ކޮށާފަ)
1 އިންޗި އިނގުރު ކޮޅެއް (ގާނާފަ)
3 ލޮނުމެދު (ގާނާފައި)
1 ސަމުސާ މުގުރި އަސޭމިރުސް ކޮޅެއް
2 ލުނބޯ
1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފަ)
ހިކަނދިފަތް، ލޮނު ރީނދޫ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފުނޑާފައި ހުރި ހަނޑުލު ފުށްކޮޅުގެ ތެރެއަށް ބައި ޖޯޑު ހުނި، ކުޑަ ލޮނުކޮޅެއް އަޅައިގެން މޮޑެލާށެވެ. ހަނޑުލު ފުށް މުގުރާފައި ހުރިނަމަ ހޫނުފެން އަޅައިގެން މޮޑެލާށެވެ.
އެއަށްފަހު މަސްގަނޑު މޮޑުމަށްޓަކައި ފިޔާ ހިކަނދިފަތް، ގިތެޔޮ މިރުސް، ތެރެއަށް ލުނބޯހުތް ޖަހައި ލޮނުކޮޅެއް އަޅައިގެން މޮޑެލާށެވެ. އެއަށްފަހު މަސްދަޅު، ހުނި، ރީނދޫ އިނގުރު، ލޮނުމެދު، އަސޭމިރުސް، އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. ލޮނުރަހަ ހެޔޮވަރު ވުމުން އެހެން ރަހަތައްވެސް އެއްވަރުކޮށްލުމަށްފަހު ކުދިކޮށް ގުޅަ ހަދާށެވެ. މަސްގުޅަ ހެދުމަށްފަހު ފުށްކޮޅުގައި ކުދިކޮށް ގުޅަހަދާށެވެ. ގުޅަތައް ހަދައި ނިމުމުން ތެއްޔަށް ތެޔޮ އަޅައިފައި އުނދުންމައްޗަށް އުދާށެވެ. ތެޔޮގަނޑު ރަނގަޅަށް ހޫނުވުމުން ގުޅަތައް ތެލުލާށެވެ.