އަންނަބީލާ ހަދީޖާ އިބްރާހީމް ދީދީ މިއަދު އަވަހާރަވެއްޖެއެވެ.
އަންނަބީލާ ހަދީޖާ ދީދީއަކީ ދިވެހިރާއްޖޭގެ ކުރީގެ ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ އެންމެ ހަގު ދަރިކަނބަލުންނެވެ.
އެކަމަނާ އަވަހާރަވީ އުމުރުފުޅުން 68 އަހަރުގައެވެ. އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ދެމުން އަންނަނިކޮށް އައިޖީއެމްއެޗުގައެވެ.
އެކަމަނާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މަޣްރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތްގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމަނާ އަވަހާރަވުމުގެ ހިތާމަ ފާޅުކުރައްވައި، އާއިލާ އަށް ތައުޒިޔާ ފޮނުއްވައިފައެވެ.
"އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާ އާއި އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ފަހިކޮށްދިނުމުގެ ދާއިރާ އާއި ހާރިޖީ ގުޅުންތަކުގެ ދާއިރާގައި ވެސް ސަރުކާރަށް ހިދުމަތް ކުރައްވައިފައެވެ،" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
ހަދީޖާ ވަނީ ހެންވޭރު އަވަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސްކަން ވަރަށް ގިނަ ދުވަހު ކުރައްވައިފައެވެ. އަދި އަންހެނުންގެ ގައުމީ ކޮމިޓީގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.
ހަދީޖާ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ޑެޕިއުޓީ އެމްބެސެޑަރެއްގެ މަގާމު ފުރުއްވައިފައެވެ.