ޅ. ނައިފަރު ކައުންސިލް މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނައިފަރުގެ ކައުންސިލުން ވަނީ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ގުޅޭ ގޮތުން ރައީސް ސޯލިހުއާ މައުލޫމާތު ހިއްސާކުރައްވައިފައެވެ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ދިއުން ލަސްވުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އަދި ރަށުގައި ޔޫތް ސެންޓަރެއް ނެތުމުގެ ސަބަބުން ދިމާވާ އިޖްތިމާއީ އެކި މައްސަލަތައް ރައީސް ސޯލިހުއާ ކައުންސިލުން ހިއްސާ ކުރެއްވި އެވެ.
ނައިފަރު ކައުންސިލުން ވަނީ ރަށަށް ދިމާވެފައިވާ ގޯތިގެދޮރާއި ބިމުގެ ދަތިކަމާއި، ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ވަސީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ނައިފަރު ސްކޫލަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނައިފަރުގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ރައީސް ސޯލިހުއާ ހިއްސާކުރައްވައިފައެވެ.
ނައިފަރު ކައުންސިލުން ހުށަހެޅި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެކަންކަމަށް ހައްލުހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.