ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޅ. އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކުރެންދުއާއި ނައިފަރުން ކާމިޔާބުކުރި އިރު، ވ. އަތޮޅު ލީގު ބުރުގެ އެއްވަނަ ފެލިދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ޅ. އަތޮޅުގެ ލީގު ބުރުގެ ދެމެޗާއި ވ. އަތޮޅު ލީގު ބުރުގެ ފަހު މެޗު ކުޅެފައެވެ. ޅ. އަތޮޅުން ފުރަތަމަ ބުރުގައި ކުޅުނު ދެމެޗުންވެސް އެއްވަރުވެފައިވާ އިރު، ރޭ ނައިފަރާއި ކުރެންދޫ ވަނީ މޮޅު ހޯދައި، ދެމެޗުން ހަތަރު ޕޮއިންޓް ހަމަކޮށްފައެވެ.
އެ އަތޮޅުން ހަތަރު ޓީމު ވާދަކުރާ އިރު، ދެން ކޮންމެ ޓީމަކަށް އޮންނާނީ އެއް މެޗެވެ. ކުރެންދުއާއި ނައިފަރު ވާދަކުރަން ޖެހޭ އިރު، ދެން އޮތީ ހިންނަވަރާއި އޮޅުވެލިފުށި ވާދަކުރާ މެޗެވެ. މިހާރު އޮތް ހާލަތުން ކުރެންދުއާއި ނައިފަރަށް އަމިއްލަ ބާރު އެބައޮތެވެ. އެމެޗު އެއްވަރުވެއްޖެނަމަ، ފައިނަލަށް ދާނީވެސް ކުރެންދުއާއި ނައިފަރެވެ.
ރޭ ކުރެންދޫން ހިންނަވަރު ބަލިކުރީ 4-0 އިންނެވެ. ކުރެންދޫގެ އަހުމަދު މާދިހާއި އަހުމަދު އައިމަން، މުހައްމަދު އަންވަރު އަދި މުހައްމަދު ރަފްހާން އަބްދުލް ގައްޔޫމްވެސް މެޗުގައި ގޯލު ޖެހިއެވެ. ނައިފަރުން ފުރަތަމަ މޮޅެއް ހޯދީ 2-1 އިން އޮޅުވެލިފުށި ބަލިކޮށްގެންނެވެ.
ނައިފަރުގެ ގޯލުތައް ޖެހީ އިބްރާހީމް ޝަރީފް މުހައްމަދާއި އައްބާސް އަނީސެވެ. އޮޅުވެލިފުށީގެ ގޯލު ޖެހީ އަބްދުﷲ ޝަކީލެވެ.
ވ. އަތޮޅު ލީގު ބުރުގެ ފަހު މެޗަށް ރޭ ކެޔޮދުއާއި ފެލިދޫ ނުކުތް އިރުވެސް ފައިނަލް އޮތީ ޔަގީންވެފައެވެ. ރޭގެ މެޗަކީ ދެޓީމަށްވެސް ފައިނަލުގެ ކުރިން ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ކެޔޮދޫގެ އެއްވަނަ ކީޕަރު އަހުމަދު މުނާޒަށް ދެއްކި ރަތްކާޑާއެކު އެޓީމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވާ އިރު، ފެލިދޫން ގޯލު ޖެހީ ދެވަނަ ހާފައިގައި، 28 ވަނަ މިނެޓުގައެވެ. އެއީ މިޖްދާފް އަހުމަދު މާޖިދު ދެ ގޯލެކެވެ.
ވ. އަތޮޅު ފައިނަލުގައިވެސް ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ކެޔޮދުއާއި ފެލިދުއެވެ.