ޚަބަރު

ސިއްހީ ދާއިރާގައި އޮތް ސިޔާސީ ނުފޫޒާއި ކޮރަޕްޝަން ހުއްޓުވުމަށް އިސްލާހުތައް ގެނައުމަށް އޭސީސީން ލަފާދީފި

1

ސިއްހީ ދާއިރާގައި އޮތް ސިޔާސީ ނުފޫޒާއި ކޮރަޕްޝަން ހުއްޓުވުމަށް ގާނޫނާއި ގަވާއިދުތަކަށް އިސްލާހުތައް ގެނައުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާދީފިއެވެ.

އާސަންދަ އާއި ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ހިދުމަތްތަކާއި އެ ހިދުމަތްތަކާ ގުޅޭ މައްސަލަތައް ބެލުމަށްފަހު އޭސީސީން އެކުލަވާލި "ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގެ ކޮރަޕްޝަން ރިސްކް އެސެސްމަންޓް" މިއަދު ވަނީ އާންމުކޮށްފައެވެ.

އެ ރިޕޯޓުގައި އޭސީސީން ވަނީ ހަ މައްސަލައެއް ފާހަގަކޮށް، އެ މައްސަލަތަކަށް ލަފާތަކެއް ދީފައެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ހަދަން ޖެހޭ ބައެއް ގަވާއިދުތައް ނެތުމާއި، އާސަންދައަށް ބިލުކޮށް ފައިސާ ހޯދުމުގައި ހުރި ލަސްތަކާއި، ބިލުތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވުމާއި، ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް އާ ހިދުމަތާއި ބޭސް ރަޖިސްޓަރީ ކުރުމުގައި ހާމަކަން ކުޑަވުމާއި، ސިއްހީ ވެލްފެއާ ނިޒާމު ވަށާޖެހޭހެން ޒިންމާދާރުކުރުވައި ޖަވާބުދާރީކުރުވާނެ ފަރާތެއް ނެތުން އަދި އެންސްޕާ މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާ ދޭއިރު، އެއްހަމައެއް ނުގެންގުޅުމެވެ.

އެ ރިޕޯޓުގައި ބުނީ އެންސްޕާއަށް އެހީއަށް ހުށަހެޅުމުން ވެރިފައިކުރުމަށް ހުށަހަޅާ ލިޔެކިޔުންތައް އެންމެ ރަނގަޅަށް ވެރިފައިކުރެވޭނެ ވަގުތު ނެތި، އަދި ބަލިމީހާގެ ހާލަތަށް ރިއާޔަތްކުރުމެއް ނެތި އެހީ ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެއީ ރިކުއެސްޓް ހުށަހަޅާތާ މިނެޓުކޮޅެއްގެ ތެރޭގައި ފައިސާގެ ކަންކަން ހަމަޖެހިފައިވާތީ ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި ރިކުއެސްޓް ފޮނުވައި، ރިކުއެސްޓާއެކު ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް އެންސްޕާއަށް ފޮނުވައި ނުނިމުނު ކަމުގައިވިޔަސް އެހީ ހަމަޖެހިފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ވަކި ހާއްސަ އުސޫލުތައް ހެދިފައިވީ ނަމަވެސް، ސިޔާސީ ނުފޫޒަށް ގޮތް ނިންމުމުން ހިދުމަތް އަވަސްމަގުން ހޯދުމުގައި އޮތް ހަމައެކަނި ގޮތަކީ ތިންވަނަ ފަރާތެއްގެ ނުފޫޒު ބޭނުންކުރުންކަން ރައްޔިތުންނަށް ގަބޫލުކުރެވި، މުޖުތަމައުގައި ކޮރަޕްޝަންގެ އަމަލުތައް އަށަގެންނެވުމަށް ހިތްވަރު ލިބި، އެފަދަ އަމަލުތަކަށް ދެވޭ ބާރަކަށްވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

އެ މައްސަލައަށް އޭސީސީން ހުށަހެޅި ލަފާ:

  • އެންސްޕާގެ ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމުގެ ދަށުން އެހީއަށް އެދި ހުށަހަޅާ ރިކުއެސްޓުތަކުގެ ވެރިފިކޭޝަން މަރުހަލާ ހަރުދަނާކުރުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަނެ، މި މަރުހަލާގައި ބޭނުންކުރާ ވެރިފިކޭޝަން ގައިޑްލައިން ކަނޑައަޅައި އާންމުކުރުން
  • ބޭސްފަރުވާގެ އެހީ ޕްރޮގްރާމުގެ ދަށުން އެންސްޕާއަށް ފޮނުވޭ ހުރިހާ ރިކުއެސްޓެއް ޕޯޓަލެއްގެ ތެރެއިން ހުށަހެޅޭގޮތަށް ކަނޑައަޅައި، މި ޕޯޓަލްގެ ޕްރޮގްރެސް ހިދުމަތް ލިބިގަންނަ ފަރާތަށް ފެންނާނެހެން ހާމަކުރުން. އަދި މިފަދައިން އަމަލުކުރާނެގޮތުގެ ގައިޑްލައިނެއް އަދި ނުކުރެވޭނެ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލައި އާންމުކުރުން
  • ބޭސްފަރުވާގެ ބާވަތުން އަދި އެހީއަށް އެދޭ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް ދެވޭނެ އެހީގެ ތުރެޝްހޯލްޑް ކަނޑައަޅައި އާންމުކުރުމާއި އެ މިންގަނޑަށް އަމަލުނުކުރެވޭ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ލިޔުމުން އެކުލަވާލައި އާންމުކުރުން

ރިޕޯޓުގައި ބުނީ ސިއްހީ ހިދުމަތް ފޯރުކޯށްދިނުމުގައި ރާއްޖޭގެ ވަށައިޖެހޭ ނިޒާމަކަށް ބޭނުންވާ މުހިންމު ގިނަ ގަވާއިދުތަކެއް އެކުލަވާލެވިފައިނުވާ ކަމަށާއި ގައިޑްލައިންތައް ނެތުމުގެ ސަބަބުން އެއްވެސް ހުރަހެއް ނެތި އެކި ޑޮކްޓަރުންގެ ކޮންސަލްޓޭޝަންގެ މައްޗަށް ޖެހިޖެހިގެން އެއް ޓެސްޓެއް ހެއްދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. އަދި ހެދޭ ޓސްޓުތަކަކީ މެޑިކަލީ އެންމެ ބޭނުންތެރި ޓެސްޓުތަކެއްކަން ކަށަވަރުކުރުމަށް ރިއާޔަތްކުރާނެ މިންގަނޑެއް ކަނޑައެޅިފައި ނެތުމުން އެއީ ކޮންމެހެން ހަދަންޖެހޭ ޓެސްޓެއްކަން ޔަގީންކުރުމަކީ ވެސް އުނދަގޫ ކަމެއް ކަމަށް ރިޕޯޓުގައި ބުންޏެވެ.

"ރާއްޖޭގައި ހަރުދަނާ ރެފަރަލް ނިޒާމަކަށް ފަހިވާނެ ފަދަ ގަވާއިދެއް ނެތުމަކީ ވެސް ސިއްހީ ވެލްފެއާ ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުމެއްކަން ފާހަގަވެއެވެ. ރެފަރެލް ނިޒާމެއް ނެތުމުން ބައެއް ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ރިފާކުރުން ލަސްވެ، ބަލިމީހާއަށް ރާއްޖޭގެ ޑޮކްޓަރު 'ޝޮޕިން'އަށް ދާން ޖެހެއެވެ. މިއީ އެ ހާލަތެއްގެ ސަބަބުން ބަލިމީހާއާ އެއްވަރަށް އާސަންދައަށް ވެސް އޭގެ ބުރަ އުފުލަންޖެހޭ ހާލަތަކެވެ..،" އޭސީސީގެ ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި ބުނީ ދައުލަތުގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލް އަދި ކުލިނިކުތަކުގައި މަސައްކަތްކުރުމާ ގުޅިގެން އަމަލުކުރާނެ އެއްވެސް ގަވާއިދެއް ހެދިފައިނުވާ ކަމަށާއި އެހެންކަމުން މަސްލަހަތު ފުށޫއެރުން، ޑޮކްޓަރުން ބަލިމީހަކަށް ހޭދަކުރާ ވަގުތު އަދި ޑޮކްޓަރުންގެ ހިދުމަތް މޮނީޓާކޮށް އިވެލުއޭޓްކުރުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށްނުދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ރަނގަޅު މޮނީޓަރިން އާއި އިވެލުއޭޝަން ނިޒާމެއް ނެތުމުން ނާޖާއިޒު މަންފާ ހޯދައި ލިބިގަތުމަށް މަގުފަހިވާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

ހިދުމަތްދޭ މަރުކަޒުތަކުން އާ ހިދުމަތްތައް ތައާރަފުކުރުމަށް ހުއްދަ ހޯދުމާއި، ބިލުތަކަށް ފައިސާ ދެއްކުމުގައި ބޮޑު ލަސްތަކެއް އުޅޭތީ އެކަމުގެ ގެއްލުން މަރުކަޒުތަކަށް ލިބޭ ކަމަށާއި ބިލުތައް ދެއްކުމުގައި ލަސްތަކެއް ވުމުން އާސަންދަ ޖޫރިމަނާވާ ކަމަށެވެ. އަދި އެގޮތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ހޯދައިދިނުމަށް މަގުފަހިވެ، ކޮރަޕްޝަންގެ ކުށަކަށް ވެގެންދާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުންޏެވެ.

އޭސީސީގެ ރިޕޯޓުގައި އެ ހުރިހާ މައްސަލަތައް ފާހަގަކޮށް، މައްސަލަތަކަށް ވަކިވަކި ހައްލުތަކެއް ދީފައިވެއެވެ. އޭގެ ތެރޭގައި ގާނޫނު ވަކި މާއްދާތަކަށް އިސްލާހު ގެނައުމަށް ވެސް ވަނީ ލަފާދީފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟