ޚަބަރު

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

މުހައްމަދު އިޝާން

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އިންޑިއާއަށް ފުރާވަޑައިގެންނެވީ މިހަފުތާގެ އާދިއްތަ ދުވަހުއެވެ. މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސް އިންޑިއާއަށް ވަޑައިގަތުމުން އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގައި ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ރައީސް އަދި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިންޑިއާއަށް ރައީސް ކުރެއްވި އެ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކާއި ފަހުމުނާމާތަކުގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ރާއްޖެ އާއި އިންޑިއާ ދެމެދު ވަނީ ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. އެ އެގްރީމަންޓަކީ މަރުކަޒީ ބޭންކް އެމްއެމްއޭ އާއި އިންޑިއާގެ ރިސާވް ބޭންކާ ދެމެދު ވެވުނު 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ އެގްރީމެންޓެކެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ އިތުރު އެއްބަސްވުންތައް:

  • ކޯޕަރޭޝަން ބިޓުވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްއާއި ރާޝްތްރިޔާ ރަކްޝާ ޔުނިވާސިޓީއާ ދެމެދު އެކުލަވާލި އެއްބަސްވުން
  • އެކްސްޓެންޝަން އޮފް ދަ މެމޮރަމްޑަން އޮފް އަންޑަސްޓޭޏްޑިން ބިޓްވީން މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް
  • ކޮރަޕްޝަން މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު އެކުލަވާލި އެއްބަސްވުން
  • ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ ދެމެދު އެކުލަވާލި އެއްބަސްވުން

މީގެ އިތުރުން ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ އިންޑިއާގެ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފުކޮށްފައެވެ. އަދި ވަނީ އިންޑިއާގެ އެހީގައި ހއ. ހަނިމާދޫ އެއާޕޯޓުގައި ތަރައްގީ ކުރި އާ ރަންވޭ އިފުތިތާހުކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިންޑިއާގެ އެހީގައި އިމާރާތް ކުރި 700 ހައުސިން ޔުނިޓު ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފައެވެ. އަދި މޯދީ ވަނީ އެ ދައުވަތު ގަބޫލުކުރައްވައިފައެވެ.

ރައީސް ވަނީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އާގްރާ އަށާއި މުމްބާއީ އަށާއި ބެންގަލޫރަށް ވެސް ޒިޔާރަތްކުރައްވައިފައެވެ. ނިއުދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވެވި އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރައްވައި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް އަންގައިދިނުމުގެ ގޮތުން، މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވޯކިން އީވްނިން" ގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި

ރައީސް ވަނީ ނިއުދިއްލީ އާއި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވެސް ބައްދަލުކުރައްވައިފައެވެ.

މީގެ އިތުރުން ރައީސް ވަނީ އިންޑިއާގެ މަޝްހޫރު ބައެއް ފިލްމީ ތަރިންނާ ވެސް ބައްދަލުކުރައްވައިފައެވެ. ރައީސްއާ ބައްދަލުކުރި ބޮލީވުޑްގެ ބައެއް ތަރިންގެ ތެރޭގައި ސޮނާކްސީ ސިންހާ އާއި އަރުބާޒް ހާނާއި ކަރިޝްމާ ކަޕޫރާއި ޝިލްޕާ ޝެޓީ އަދި ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް ހިމެނެއެވެ.