ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު ހަތް މިލިިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ފާތިމަތު ލިޔުޝާ

1

ރާއްޖެ އެތެރެ ކުރަން އުޅުނު ހަތް މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދުބުނީ އެ ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުންނާއި ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިމަހުގެ 5 ވަނަ ދުވަހު، ބްރެޒިލް އިން ރާއްޖެ އައި، 33 އަހަރުގެ އަންހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރި ކަމަށް ޝައްކު ކުރެވިގެން، އެފަސިންޖަރުގެ ލަގެޖު އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާ އެކު ޖުމްލަ 2.44 ކިލޯގްރާމް ހުރި އިރު، އެ ތަކެތީގެ މަގުމަތީ އަގަކީ 6,100,000.00 (ހަ މިލިއަން އެއްލައްކަ) ދިވެހި ރުފިޔާ ކަމަށް އަރާ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ މަސްތުވާތަކެތި ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އޭގެ އިތުރުން ވެސް މި ހަފުތާގެ ހޯމަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނައި ޕެކޭޖެއް ބަލައި ފާސްކުރި އިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސްގެ ތަހުލީލުތަކުން ދައްކާ ގޮތުގައި އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާ އެކު ޖުމްލަ 1.04 ކިލޯގްރާމް ހުރި އިރު، އެ ތަކެތީގެ މަގުމަތީ އަގަކީ 1,040,000.00 (އެއްމިލިއަން ސާޅީސް ހާސް) ދިވެހި ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

އެ މައްސަލަތަކުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.48 ކިލޯގްރާމް ހުއްރި ކަމަށާއި އަދި އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަތް މަސްތުވާތަކެއްޗާއި ބްރެޒިލްގެ ފަސިންޖަރު އަދި ޕޯސްޓް ޕެކޭޖު ބަލައި ކަސްޓަމްސްއަށް އައި، 40 އަހަރުގެ ދިވެހި ފިރިހެނެއް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟