ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުގެ ފޯކާސްޓާ އަހުމަދު ޝާބިން "ވަން" މިއަދު އަށް ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ހޮނިހިރާ ހަމަޔަށް. އާދިއްތައިގެ ފަހުން މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ. އެންމެ ދެކުނުގެ ސަރަހައްދަށް އައްޑޫ އިން ފެށިގެން ވައި މަޑުވަމުންދާނެ ކަމަށް. ވީކެންޑުގައި އެންމެ ދެކުނަށް އެހާ ބޯކޮށެއް ނުވެހޭނެ. އެހެން ހުރިހާ ސަރަހައްދުތަކަށް ބޯކޮށް ވެހޭނެ،" ޝާބިން ވިދާޅުވިއެވެ.
ޝަބީން ވިދާޅުވީ 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެ ކަމަށާއި އަދި ވިލާގަނޑުގައި 45 އާއި 55 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ކަނޑުތައް ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގައި ފަސް ފޫޓާއި އަށް ފޫޓާ ދެމެދު މާދަމާއިން ފެށިގެން ގަދަކޮށް އުޅޭނީ 4 ފޫޓާއި 6 ފޫޓާ ދެމެދު. މާލެ ސަރަހައްދުގެ ކަނދުތައް ވަރަށް ގަދަކޮށް އުޅޭނީ، އެލާޓުތަކަށް ބައްލަވައިގެން ދަތުރުތައް ކުރެއްވުމަށް. މިވަގުތު ޔެލޯއެލާޓް. ހިފަހައްޓަމުން މިދަނީ މެދުރާއްޖެތެރެ އާއި އުތުރުގެ ސަރަހައްދަށް އިއްޔެގެ ހެނދުނުން ފެށިގެން" ޝަބީން ވިދާޅުވިއެވެ.
މިއަދުގެ 7:00 އިން 13:00 އަށް މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މެޓު އޮފީހުން ވަނީ ވައިޓް އެލާޓު ނެރެފައެވެ.
މެޓުން ބުނީ އެ އަތޮޅުތަކަށް ބޯކޮށް ވާހުމާއެކު ގުގުރައި ގަޑިއަކު 10 މޭލާއި 24 މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން މިއަދުގެ 11:00 އިން 15:00 އަށް ވަނީ ހއ. އަތޮޅުން ފެށުގެން ވ. އަތޮލަށް ޔެލޯ އެލާޓް ނެރެފައެވެ. މެޓުން ބުނީ އެ އަތޮޅުތަކަށް ގަޑިއަކު 24 މޭލާއި 30 މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.