ޚަބަރު

އިންޑިއާ ދަތުރުގައި ރައީސް ދެއްވި ޔަގީންކަން: މުހިންމީ މިނިވަންކަން، ދެން ވެސް ބޭރުގެ ސިފައިންނެއް ނުތިބޭނެ!

އެންމެ މުހިންމީ ގައުމުގެ މިނިވަންކަން ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޑިއާ ދަތުރުފުޅާ ގުޅުވައިގެން، ހާރިޖީ ގޮތުން ކުރިން ވެސް ކަންކަންދިޔަ ގޮތަށް ކަންކަން ދާނެ ކަމަށް ބައެއް މީހުންނަށް ހީވިޔަސް، އެއީ އެކަން އޮތް ގޮތެއް ނޫން ކަމަށެވެ.

"އެހެންވެ މި ދަންނަވަނީ މިކަމުގައި ވަރަށް ސާފުކޮށް ބަޔާންކުރުމުގެ ގޮތުން މި ވާހަކަތައް. އަޅުގަނޑުމެންގެ މިނިވަންކަން އެއީ އަޅުގަނޑަށް އެންމެ މުހިންމު ކަންތައް، އަޅުގަނޑުމެންގެ ސެވޮރިނިޓީ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން. އަޅުގަނޑުމެންގެ ގައުމުގައި އެހެން ގައުމެއްގެ ސިފައިން ދެނެއް ނުތިބޭނެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން، ރިވެތި އަހުލާގުގެ ތެރެއިން، ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން އެކަމަށް އެ އޮތީ ދާއިމީ ހައްލެއް އައިސްފައި. ކުރިއަށްއޮތް ތަނުގައި ވެސް ނުތިބޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަތުރުގެ ތެރެއިން އިއުލާންކުރި "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ" އަކީ ވެސް ލިޔެވިފައި އޮތް އެއްޗެއް ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް ބަލައިލެވެން އޮތް ޑޮކިއުމަންޓެއް ކަމަށެވެ. އަދި އޭގައި ދިފާއީ ގޮތުން ލިޔެވިފައި ހުރި ކޮންމެ ޖުމުލައަކީ އެމްއެންޑީއެފުން ބަލައި، ޑިފެންސް މިނިސްޓްރީން އެޕްރޫވްކޮށްފައި ހުރި އެއްޗެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް ހުރިހާ ކަމެއް. ކުރީގައި ވީހެނެއް ކަންކަމެއް ނުހުންނާނެ އެއަކު، އަޅުގަނޑުމެންގެ ކަންކަން އެހެން ބަޔަކު ކަންކުރާ ގޮތަށް ދޫކޮށްލާފައެއް ނޯންނާނެ. އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ބިލްޑްކުރާ ވާހަކަ އޮންނާނީ. އެހެން ބައެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލައިގެން ކަންކަން ކުރާ ވާހަކައެއް ނޯންނާނެ. އަޅުގަނޑުމެންގެ ފުދުންތެރިކަން އިތުރުކޮށްގެން ކަންކަން ކުރާ ވާހަކަ އޮންނާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެންމެ މުހިންމު އަނެއް ކަމަކީ އަޅުގަނޑުމެންގެ ގައުމިއްޔަތާއި ދިވެހިބަސް އަދި އިސްލާމްދީން ކަމަށާއި އެކަންކަމަށް ބުރޫ އަރާ އެއްވެސް ކަމެއް އެ ޑޮކިއުމަންޓުގައި ނޯންނާނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ ސަރުކާރަކީ ވަރަށް ދެ ފުށް ފެންނަ ގޮތަށް ހިންގާ ސަރުކާރެއްކަން ވެސް ފާހަގަކުރެއްވިއެވެ.