ޚަބަރު

މިއީ ހުރިހާ މަގުސަދެއް ހާސިލުވި ވަރަށް ކާމިޔާބު ދަތުރެއް، ދަރަނި ދެއްކުމަށް ވެސް ކުރިއެރުން ލިބުނު: ރައީސް

އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ހުރިހާ މަގުސަދެއް ހާސިލުވި ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި ދަރަނި ދެއްކުމަށް ވެސް ކުރިއެރުން ލިބުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ދަތުރުން ގިނަ ކަންތައްތަކަށް، ގިނަ ދާއިރާތަކެއްގެ ތަރައްގީއަށް ކުރިއެރުންތައް ހޯދުމަށް މަގުފަހިގެންދިޔަ ކަމަށެވެ.

"މި ދަތުރު އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު. ކާމިޔާބޭ އަޅުގަނޑު މި ދަންނަވާ ސަބަބަކީ އަޅުގަނޑު ކަނޑައެޅި މަގުސަދު ހާސިލުވާތީ. ދިވެހި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާ ގޮތަށް، ދިވެހި ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް މުހިންމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި، މަގު ހުޅުވިގެންދިޔައީމާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހާރިޖީ ގޮތުން، އިގުތިސާދީ ގޮތުން، އިޖުތިމާއީ ގޮތުން، އިޖުތިމާއީ ގޮތުން ވެސް ކަންކަން ފަހިވެގެން ގޮސްފައިވާ ކަމަށާއި އިގުތިސާދު ނަގައި ކޮޅަށް ޖެހުމަށް ވެސް ބޮޑު އެހީއެއް ދަތުރުން ލިބިގެންދިޔަ ކަމަށެވެ.

"އަޅުގަނޑުމެން އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑުމެން ނެގި މިކަހަލަ އެއްވެސް ދަރަންޏެއް ނެތި، އެ ދަރަނި ދެއްކުމަށްޓަކައި، އެ ހާލަތުން އިގުތިސާދު ނަގައި ކޮޅަށް ޖެހުމަށްޓަކައި ކުރެވޭ މަސައްކަތުގައި ވެސް ވަރަށް ބޮޑު ކުރިއެރުމެއް މި ދަތުރުން ލިބިގެން މިދިޔައީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި އެންމެ ފުރަތަމަ އިސްކަންދިން އެއް ގައުމަކަށް ވާނީ، އަދި ބައެއް ފަހަރު އެންމެ ފުރަތަމަ އިސްކަންދިން ގައުމަކަށް ވެސް ވާނީ އިންޑިއާ ކަމަށާއި އެހެންވީމާ ރާއްޖެއަށް، ދިވެހި ރައްޔިތުންނަށް އެކި ކަންކަމުގައި އެންމެ ފަހިވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމުގައި ދެ ގައުމުގެ ގުޅުން ވަރުގަދަވެގެން ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.