ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން ކަމަށްވާ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) ގެ ދަތުރުތައް ފެށުމާ އެކު ރާއްޖެއަށް ގެންނަ ކޮންޓެއިނާގެ އަދަދު މަހަކު 6،000 އަށް އިތުރުވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
އެމްއެސްސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް އެމްޕީއެލް އާއި އެމްއެސްސީގެ ލޯކަލް އޭޖެންޓް، ސެންޗޫރިއަންއާ ގުޅިގެން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ، ދުވަހުން ދުވަހަށް ކޮންޓޭނަރުގައި މުދާ ގެންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
"އޭރު މަހެއްގެ މައްޗަށް އަންނަނީ 1،000 ކޮންޓޭނާ. އެކަމަކު މިއަދު 6،000 ކޮންޓޭނާއަށް ބަދަލުވީމަ އެބަ ޖެހޭ ބަދަލުތަކެއް ގެންނަން. މިހާރު އެވްރެޖްކޮށް މަހެއްގެ މައްޗަށް އެބައާދޭ 6،500 ކޮންޓޭނަރު. ކުރިން އަންނަނީ 4،000، 5،000 މެކްސިމަމް. އެކަމަކު މިހާރު މިހިސާބަށް އައި އިރުގައި 6،500 ބަދަލުވުމަކީ އެއީ ވަރަށް ބޮޑު އަދަދެއް،" ވަޖީހު ވިދާޅުވިއެވެ.
އެ ބަންދަރުގެ ހިދުމަތްތައް ކުރިއަށް ވުރެ ވެސް އަވަސް ކުރުމަށް އިތުރު ވެހިކަލްތަކާއި ޕޯޓަށް ބޭނުންވާ އުޅަދުތައް ގެނައުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
"މިހާރުވެސް ކުރިއަރުވަމުން މިގެންދަނީ ކުންފުންޏަށް ބޭނުންވާ ވެހިކަލްތަކާއި ވެސްލްތައް ހޯދަމުން. ޔަގީންކަން އަރުވަން ކުރިއަށް އޮތް ތަނުގައި ކުންފުނީގެ ހިދުމަތްތައް މިއަށް ވުރެއިން ފުޅާވޭ،" ވަޖީހު ވިދާޅުވިއެވެ.
އެކަމުގެ ޔަގީންކަން އެމްޕީއެލުން ވިޔަފާރިވެރިންނަށް ދޭ ކަމަށާއި ކުރިއަށް އޮތްތަނުގައި މިއަށްވުރެ ވެސް ހިދުމަތްތައް ފުރިހަމަވެގެންދާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.