ޚަބަރު

އަމީން އެވިނު އިން ބައްސާމް ގަތް ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކޮށްފި

1

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރުން ދިން މުއްދަތު އިތުރަށް ފަސްކޮށްނުދިނުމަށް ނިންމައި، ފަހުގެ އިންޒާރު ދީފައިވަނިކޮށް އެ އެޕާޓްމަންޓުތައް ހަވާލުކޮށްފިއެވެ.

ފުލުހުން ބައްސާމަށް އަންގާފައިވަނީ އަމީން އެވެނިއު އިން އޭނާ ގަތް އޭ1205 އަދި އޭ1206 އެޕާޓްމަންޓު ހަވާލުކުރުމަށެވެ. މިރޭ 12:00 ގެ ކުރިން އެ ދެ އެޕާޓުމަންޓު ހުސްކޮށް، ހަވާލުކުރުމަށް ފުލުހުން ފަހުގެ އިންޒާރު ދީފައިވަނީ އިއްޔެއެވެ.

މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ ބައްސާމްގެ އެ ދެ އެޕާޓްމަންޓު މިރޭ 12:00 ގައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެ އެޕާޓްމަންޓު މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ 10:58 އިން ފެށިގެން 136 ގަޑިއިރުގެ ތެރޭގައި ހުސްކޮށްދޭން ބައްސާމަށް އެދުމުން، އިތުރު މުއްދަތެއް ހޯދުމަށް އެދި އޭނާ އެދިފައިވާ ކަމަށާއި އޭރު އެދިފައިވާ ގޮތަށް މުއްދަތު އިތުރުކޮށްދީފައިވާނެ ކަމަށެވެ. ބައްސާމް އޭގެ ފަހުން އެދިފައިވަނީ މިމަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށެވެ.

"ދެންނެވުނު އެންގުމާ ގުޅިގެން މުއްދަތު އިތުރުކޮށްދިނުމަށް ބައްސާމް އަދީލް ޖަލީލްގެ ފަރާތުން 2024 އޮކްޓޯބަރު 04 ވަނަ ދުވަހު އެދިފައިވާތީ، މި ހިދުމަތުން އިތުރަށް ބެލި ބެލުމުން އެދިފައިވާގޮތަށް މުއްދަތު އިތުރުކޮށްދެވެން ނެތް ކަމަށް މި ހިދުމަތުން ވަނީ ނިންމައިފައެވެ..،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އެ ދެ އެޕާޓްމަންޓު ހުސްކޮށް ހަވާލުކުރުމުގެ ކަންކަން އެ ހިދުމަތުން ކުރިއަށްގެންދާނެ ކަމަށާއި މިރޭ 12:00 އާ ހަމައަށް އެޕާޓްމަންޓު ހަވާލުނުކޮށްފި ނަމަ، ގާނޫނީ އިމުގެ ތެރެއިން އެޕާޓްމަންޓު ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުން ބައްސާމް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތީ ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅަ ކްލަބުތަކަށް ދިމާވީ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާ އިން ހޯދި 1.9 މިލިއަން ޑޮލަރު ލޯނު ބޭނުންކޮށްގެންނެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ވަނީ ފޮނުވައިފައެވެ. އެއީ ބައްސާމްގެ އިތުރުން މ. ހިރިނައިދޫ، ހަސަން ވަހީދު އާއި ގއ. ގެމަނަފުށި/ ފެހިކުރި، މުހައްމަދު އަގީލް، 35 އެވެ. އޭގެ އިތުރުން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވެއެވެ. އެ ފަރާތްތަކަށް ފުލުހުން ތުހުމަތު ކުރަނީ އޮޅުވާލުމާއި މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟