އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމް ކާމިޔާބީގެ މުހިންމު ހިއްސާއެއް ކަމަށާއި ރާއްޖޭގައި ފިލްމު ޓުއަރިޒަމްގެ ފުރުސަތުވެސް އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާ-ރާއްޖެ ބިޒްނަސް ފޯރަމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ޓޫރިޒަމަކީ ހަމައެކަނި ދަތުރުކުރުން ނޫން ކަމަށާއި އެއީ ގުޅުން ބަދަހިކޮށް، ސަގާފަތްތައް ދަސްކޮށް، އެކި ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމުކުރުމަށް ވެސް ލިބޭ ފުރުސަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ރީތި ގޮނޑުދޮށްތަކާއި، ލަގްޒަރީ ރިސޯޓުތަކާއި، އެއްވެސް ތަފާތުކުރުމެއް ނެތި އަދާކުރާ މެހެމާންދާރީއަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގާ. އަދި އިންޑިއާ އަކީ މި ދަތުރުގެ މުހިންމު ބައިވެރިއެއް. އިންޑިއާގެ ފަތުރުވެރިން ތަފާތު ތަޖުރިބާތަކެއް ބޭނުންވޭ. އެ ޑިމާންޑަށް މަސައްކަތްކުރުމަށް ރާއްޖެ އޮތީ ތައްޔާރަށް. އެގޮތުން އިކޯ ޓޫރިޒަމް، ވެލްނަސް ޓޫރިޒަމް، މައިސް ޓޫރިޒަމް އަދި ފިލްމު ޓޫރިޒަމްގެ ފުރުސަތުތައް ވެސް އޮންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންފްރާސްޓްކްޗާއަށް ހަރަދުކޮށް، ދަތުރުފަތުރުކުރުމަށް ފަސޭހަތައް ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ނިމިގެންދާނެ ކަމަށެވެ.
"ރާއްޖޭގެ އުތުރުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމާއެކު ވެސް ޓޫރިޒަމަށް އިތުރު ކުރިއެރުންތައް އަންނާނެ. އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރަށް ފަހިކުރުމަށް އަޅުގަނޑުމެން ވާނީ ހާއްސަ އިގުތިސާދީ ސަރަހައްދުތަކެއް ވެސް ކަނޑައަޅާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ސީދާ ދަތުރުތައް އިތުރުކުރުމުން ވެސް ފައިދާތަކެއް ކުރާނެ ކަމަށާއި ޓޫރިޒަމާއި އިންވެސްޓުމަންޓުތަކާއެކު ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށެވެ. އަދި ހުރިހާ ދިވެހިންނަށް ފައިދާވާނެ ގޮތަށް ޓޫރިޒަމް އިތުރަށް ފުޅާކުރަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވިއެވެ.