ޚަބަރު

ބޮލީވުޑްގެ ތަރިންނާއެކު ވަގުކޮޅެއް، ރާއްޖޭގައި ފިލްމުތަކުގެ މަންޒަރުތައް ޝޫޓްކުރުމަށް ރައީސްގެ ދައުވަތު

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޮލީވުޑްގެ ތަރިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި، ރާއްޖޭގައި ބޮލީވުޑްގެ ފިލުމުތަކުގެ މަންޒަރުތައް ޝޫޓްކުރުމަށް ދައުވަތު ދެއްވައިފިއެވެ.

އެ ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސް މުމްބާއީއަށް ވަޑައިގެން މިއަދުގެ ވަގުތެއްގައެވެ. ރައީސްގެ އަރިހުގައި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްއާ ބައްދަލުކުރި ބޮލީވުޑްގެ ބައެއް ތަރިންގެ ތެރޭގައި ސޮނާކްސީ ސިންހާ އާއި އަރުބާޒް ހާނާއި ކަރިޝްމާ ކަޕޫރާއި ޝިލްޕާ ޝެޓީ އަދި ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް ހިމެނެއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބޮލީވުޑްގެ ފިލުމުތަކުގެ މަންޒަރުތަކުން ދެއްކިދާނެ ކަމަށާއި އެ ފުރުސަތު ބޭނުންވެއްޖެ ނަމަ، ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ރައީސް ވަނީ އެކަމަށް ދައުވަތު ދެއްވައިފައެވެ.

އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު މުމްބާއީއަށް ވަޑައިގެންނެވީ ރާއްޖޭގެ ވިޔަފާރި އާއި ޓޫރިޒަމް ފްރޮމޯޓް ކުރެއްވުމަށެވެ. އޭގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ މިއަދު އާގްރާއަށް ވަޑައިގެން ތާޖް މަހަލް ވެސް ބައްލަވައިލައްވައިފައެވެ.

އިންޑިއާއަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.