ދައުލަތުގެ ބަޖެޓުން ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ބަޖެޓުން ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.
އީސީގެ މެންބަރު އަދި އެ ކޮމިޝަންގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ "ވަން" އަށް މިއަދު ވިދާޅުވީ އެގޮތަށް ބަޔާންކޮށް ޑްރާފްޓް ބިލެއް އީސީން ތައްޔާރުކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން ކަމަށާއި އެއީ ޕާޓީތަކުން އެއްބަސްވެފައިވާ ގޮތަށް އެކުލަވާލި ޑްރާފްޓެއް ކަމަށެވެ. އެ ޑްރާފްޓު، އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާތީ މިއަދު އަނެއްކާ ވެސް ސިޔާސީ ޕާޓީތަކާ ބައްދަލުކޮށް، އެ ޑްރާފްޓާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
"ޑްރާފްޓް ބިލުގައި ހިމަނާފައިވަނީ 3،000 ހަމަވާ ކޮންމެ ޕާޓީއަކަށް، ޕާޓީތަކަށް ދޫކުރާ ފައިސާގެ 25 ޕަސަންޓުން ފައިސާ ދިނުމަށް. އެއީ ކުދި ޕާޓީތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން. އަނެއް 25 ޕަސަންޓް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ދިނުމަށް ހިމަނައިފައިވާނެ،" އޭނާ ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ 50 ޕަސަންޓް ފައިސާ، އެ ޕާޓީއަކަށް ވޯޓު ލިބޭ އަދަދަށް ބަލައިގެން ދޫކުރާ ގޮތަށް އިސްލާހުގައި ހިމަނަން ވެސް ނިންމާފައިވާ ކަމަށާއި ޑްރާފްޓު ބިލުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތުން 50 ޕަސަންޓް ފައިސާ ދޫކުރުމަަށް ނިންމީ ކުދި ޕާޓީތަކުގެ މެދުގައި އިންތިހާބުތަކުގައި ވާދަކުރުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ޑްރާފްޓު ބިލު މި ހަފުތާ ތެރޭގައި އޭޖީ އޮފީހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.