ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކޮށްފައި ތިބޭ ފިރިހެނުންގެ ބޮލާއި ތުނބުޅި ގަދަކަމުން ނުބޭލޭނެހެން ނުވަތަ ނުކޮށެނޭހެން އުސޫލު އިސްލާހު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ހުށަހަޅައިފިއެވެ.
ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭގޮތުން އަމަލުކުރަމުން ދަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދައިފައިވާ "ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ ގަވާއިދު" ދަށުންނެވެ. \
އެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ ޖަލުގައި ތިބޭ ފިރިހެން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ދެ ސެންޓިމީޓަރަށްވުރެ ތުނިކޮށް ކޮށާފައި ކަމަށެވެ. އަދި އެ މީހުންގެ ތުނބުޅި ހުންނަންވާނީ ދެ އިންޗިއަށް ވުރެ ދިގުނުވާ ވަރަށް ކޮށައިފައި ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މަތިމަސް ހުންނަންވާނީ ބާލާފައި ނުވަތަ ދެ ސެންޓިމީޓަރަށްވުރެ ދިގުނުވާ ގޮތަށް ކަމަށް ބަޔާންކޮށްފައިވެއެވެ.
އެޗްއާރްސީއެމުން މިއަދު ވަނީ ފިރިހެން ގައިދީންނާއި ޖަލުގައި ބަންދުކުރެވޭ މީހުންގެ ބޯކޮށުމާ ގުޅޭ ޕޮލިސީ ރިވިއު ކުރުމަށްފަހު އެކަން ކުރާނެ ގޮތުގެ ހަ ހުށަހެޅުމެއް ހުށަހަޅައި، އެކަންތައްތައް އާންމުކޮށްފައެވެ.
އެޗްއާރްސީއެމުން ބުނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި، ޖަލުތެރޭގައި އަހުލާގު ބެހެއްޓުމަށް ކަނޑައަޅައިފައިވާ މިންގަނޑާ ހިލާފަށް ގައިދީންގެ އަމަލުތައް ބެހެއްޓުމަކީ ޖަލު ކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކަމަށެވެ. ނަމަވެސް އެ ގާނޫނުގެ އެއްވެސް މާއްދާއެއްގައި ބޯކޮށުމަކީ އަހުލާގީ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ބަޔާންކޮށްފައިނުވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. އެހެންކަމުން ގައިދީންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި ބޯކޮށުން ހިމަނައި އެއީ ޖަލު ކުށެއް ކަމުގައި ކަނޑައެޅުމުގެ ބާރު ލިބިގެންނުވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
"މި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކައް ބަލާއިރު ރުހުމަކާ ނުލައި ގަދަކަމުން ގައިދީއެއްގެ ބޯކޮށައި އަދި އެކަންކުރުމުގެ ތެރޭގައި ގައިދީއަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކޮމިޝަނުން ތަހުގީގުކޮށްފައިވެއެވެ. މީގެ އިތުރުން، މާފުށި ޖަލުގައި ކުރިއަށްގެންދާ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރަމުންދާ ގައިދީއެއްގެ ނުރުހުމުގައި ގަދަކަމުން ބޯކޮށުމަށް މަޖުބޫރު ކުރުވަމުންދާ ކަމަށާއި އަދި ބޯކޮށުމަށް އިންކާރުކުރާ ނަމަ، ރިހިބިލިޓޭޓްވުމުގެ ފުރުސަތު ގެއްލޭ ކަމަށް ބުނެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާކަން ފާހަގަކުރަމެވެ،" އެޗްއާރްސީއެމުން ބުންޏެވެ.