ޚަބަރު

ބައްސާމްއާ ދެކޮޅަށް ހުށަހެޅި ހަތް ހެއްކެއް ސިއްރު ކޮށްދޭން ދައުލަތުން އެދިއްޖެ

މުހައްމަދު އިޝާން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ކޮށްފައިވާ ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ހަތް ހެއްކެއް ސިއްރުކޮށް ދިނުމުގެ އަމުރަކަށް ދައުލަތުން އެދިއްޖެއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބައްސާމުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތެއް ބާއްވައިފައެވެ. މިއީ އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ޝަރީއަތެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހަތް އެކައުންޓެއްގެ ބޭންކު ސްޓޭޓުމެންޓް ސިއްރު ކޮށްދިނުމަށް ހުށަހަޅާ ކަމަށެވެ. ދައުލަތުން ވިދާޅުވީ ސިއްރުކޮށްދިނުމަށް އެދުނު ބޭންކު ސްޓޭޓްމެންޓުތަކަކީ އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކުން ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި 9،999 ޑޮލަރު، ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމަށްޓަކައި ފައިސާ ޖަމާކޮށްފައިވާ ބައެއް މީހުންގެ އެކައުންޓުތަކުގެ އެކައުންޓް ސްޓޭޓްމަންޓުތައް ކަމަށެވެ.

ދަައުލަތުން ވިދާޅުވީ އެ ސްޓޭޓުމެންޓުތައް ސިއްރުކުރަން ހުށަހަޅަން ބޭނުންވަނީ ދިފާއަށް އެއްކޮށް ސިއްރުކުރާ ގޮތަކަށް ނޫން ކަމަށެވެ. އެ ހެކިތައް ސިއްރުކުރަން ބޭނުންވަނީ ކޯޓު މެދުވެރިކޮށް، ދައުލަތުގެ ހާޒިރުގައި އެ ހެކިތައް ދިފާއަށް ބެލޭނެ ގޮތަށް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ހެކިތައް ސިއްރުކުރަން ބޭނުންވަނީ މުޖުތަމައަށް އެ ހެކިތައް ފެތުރުމުގެ ފުރުސަތު ދިފާއަށް ދީފިނަމަ އޮންނާނެތީ އެކަން އެގޮތަށް ވިޔަ ނުދިނުމަށް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ނަމަވެސް ހެކި ސިއްރު ކުރުމަށް ދައުލަތުން ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހަދައި ބައްސާމުގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން ކުރިން އެދިފައިވާކަން އެނގެން ނެތް ކަމަށާއި ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ދައުލަތުން ފޯމު ހުށަހަޅައިފައިވާނަމަ، އެ ފޯމު ދިފާއަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

ދިފާއުގެ އެ ވާހަކައާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ މި މައްސަލައިގައި ދެން ބާއްވާ އަޑުއެހުމެއްގައި ހެކި ރައްކާތެރިކުރުމާ ބެހޭގޮތުން ވާހަކަދައްކާނެ ކަމަށެވެ. އަދި ވިދާޅުވީ ދިފާއުން އެދުނު ފޯމު މިއަދުގެ ޝަރީއަތަށްފަހު ހަވާލުކުރައްވާނެ ކަމަށެވެ.

މީގެ ކުރިން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ޝަމީލް ވަނީ ދައުލަތުން ހުށަހެޅި ބައެއް ލިޔެކިޔުންތަކުގެ ކޮޕީ ސާފުނުވާތީ، ސާފު ކޮޕީތަކެއް ހޯދުމަށް އެދިފައެވެ. އެކަމާ ގުޅިގެން ގާޒީ މިއަދު ވިދާޅުވީ

ޕީޖީ އޮފީހުގައި ލިޔުމުން އެދިގެން އެ ލިޔުންތައް ހޯދުމަށް މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ދެއްވާ ކަމަށެވެ. އެ މުއްދަތުގައި ލިޔުންތައް ދިފާއަށް ނުލިބިއްޖެ ނަމަ، އެކަން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅިދާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތް ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ މިމަހުގެ ފަހުކޮޅު މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެ އަޑުއެހުމުގައި ދައުވާ ރައްދުވާ ފަރާތުން ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

ބައްސާމުގެ މައްޗަށް ހިޔާންތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ދުވަހު ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފެޑަރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޮސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޯލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ވަނަ ދުވަހު ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

"އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9,999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށް ވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އަދީލް ޖަލީލް އެފްއޭއެމް އަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، މި ފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ" ބައްސާމްއަށް ހިޔާނާތުގެ ކުށުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައިވެއެވެ.

އެ ކުށް ސާބިތުވެއްޖެ ނަމަ ބައްސާމްގެ މައްޗަށް އެއް އަހަރާއި ހަތްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ޕީފާއިން ދިން ޑޮލަރު އޭނާގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުމަށް ފަހު އޭގެ ތެރެއިން 1،910 ޑޮލަރު 2 ސެޕްޓެމްބަރު 2018 ވަނަ ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ގްލޭސިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ކަންކަމަށް ބޭނުންކޮށްފައިވާތީ އާއި އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު 5 ސެޕްޓެމްބަރު 2018 ބަނަ ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދެއްކުމަށް ބޭނުންކޮށްފައިވާތީ އާއި އެފްއޭއެމުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފްއޭމްއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ހަރަދުކޮށް އެ ފައިސާ އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ, ކުރާނެ ހުކުމަކީ 100،000 ރުފިޔާ އާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއި 15 އަރަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ބައްސާމްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ފަށައިފައިވާ އިރު، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެޕާޓްމެންޓެއް ގަނެފައިވާ ކަމަށް ބުނާ މައްސަލައެއްގައި ވެސް ބައްސާމުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ވަނީ ޕީޖީއަށް ފޮނުވައިފައެވެ. އަދި މިރޭ 12:00 ގެ ކުރިން އޭނާ ހުޅުމާލެ އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރަން ވަނީ އަންގައިފައެވެ.