ޚަބަރު

ހައިކޯޓުގެ މުހިންމު ހުކުމެއް: ބައްޕަ ހަރަދު ނުކުރިޔަސް ކާފަގެ ޕެންޝަން ފައިސާއިން ހަރަދު ނަގައެއް ނުދެވޭނެ!

މުހައްމަދު އިޝާން

1

ކާފަ ދަރިއަށް އެ ކުއްޖާގެ ބައްޕަ ދޭން ޖެހޭ ހަރަދުގެ ފައިސާ ނުދިނުމުގެ ސަބަބުން ކުއްޖާގެ ކާފަގެ ޕެންޝަން ފައިސާއިން އެ ހަރަދު ނަގައިދެވޭނެ ކަމަށް ފެމިލީ ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައިގައި ހިމެނޭ ކުއްޖާގެ ހަރަދު އެ ކުއްޖާގެ ބައްޕަ ނުދީ ހުރިކަން ސާބިތުވާތީ ފެމިލީ ކޯޓުން ވަނީ އެ ހަރަދު ދިނުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް އަމުރުކޮށްފައެވެ. ނަމަވެސް އެ ހުކުމާ އެއްގޮތަށް ކުއްޖާގެ ހަރަދުގެ ފައިސާ ބައްޕަ ދައްކަމުން ނުދާތީ އެ މައްސަލަ ފެމިލީ ކޯޓުގެ ހުކުމް ތަންފީޒުކުރާ ޑިވިޝަނަށް ފޮނުވާފައިވެއެވެ. ނަމަވެސް ކުއްޖާގެ ބައްޕަގެ ލިޔެކިޔުންތަކުގައިވާ ގޮތުން އެއީ ނަފްސާނީ ބަލި ހުންނަ މީހެކެވެ. ކުއްޖާ ބެލުމުގެ ހަރަދަށް ކުއްޖާގެ ބައްޕަ ދައްކަން ޖެހި ނުދައްކައި 84،512 ރުފިޔާ ހުއްޓެވެ.

ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގެ ތެރެއިން، ކުއްޖާގެ ބައްޕަގެ ބައްޕަ އަލީ އަހުމަދު އޭނާއަށް ލިބޭ އާމްދަނީގެ ނިސްބަތުން ދެއްކޭނެ ކަމަށް ގަބޫލުކުރާ މިންވަރަށް އޭނާގެ ކާފަ ދަރިފުޅަށް ފައިސާ ދައްކަން ތައްޔާރަށް ހުރިކަމަށާއި އެގޮތުން ކޮންމެ މަހަކު 3،500 ރުފިޔާ ދައްކާނެކަމަށް ބުނެ ފެމިލީ ކޯޓަށް ވަނީ ބަޔާނެއް ދީފައެވެ. އެހެންވެ ފެމިލީ ކޯޓުން ކުއްޖާގެ ކާފަގެ މައްޗަށް ހުކުމްކުރީ 56 މަސް ތެރޭގައިފައިސާ ދައްކައި ހަލާސްކުރުމަށާއި ކޮންމެ މަހަކު 3،500 ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ފެމިލީ ކޯޓައް ދެއްކުމަށެވެ. ނަމަވެސް އެ ފައިސާ ކުއްޖާގެ ބައްޕަގެ ފަރާތުން ކާފަ ދައްކަމުން ނުދާތީ ކުއްޖާގެ މަންމަ ވަނީ ފެމިލީ ކޯޓަށް އެކަން ހުށަހަޅައިފައެވެ. އެއިރު ކުއްޖާގެ ބައްޕަ ދައްކަން ޖެހޭ ފައިސާގެ އަދަދު ވަނީ 147،012 ރުފިޔާއަށް އިތުރުވެފައެވެ.

ކުއްޖާގެ މަންމަ ހުށަހެޅި މައްސަލައާ ގުޅިގެން ފެމިލީ ކޯޓުން ހުކުމްކުރީ ކުއްޖާގެ ކާފަގެ ޕެންޝަން ފައިސާއިން، އެ ހަރަދު ނެގުމަށެވެ. ނަމަވެސް ފެމިލީ ކޯޓުގެ އެ ހުކުމަކީ ގަވާއިދާ ހިލާފު ހުކުމެއް ކަމަށް ބުނެ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޕެންޝަން އޮފީހުގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަސާސީ ޕެންޝަން ފޯރުކޮށްދެނ،ީ އެ ފަރާތްތަކުގެ މާލީ މިނިވަންކަން ކަށަވަރުކޮށްދީ، މަސައްކަތެއް ނުކުރެވޭ އުމުރަށް ދިއުމުން އާމްދަނީއެއް ލިބޭނެގޮތް ހެދުމަށް ކަމަށެވެ. ޕެންޝަން އޮފީހުގެ ފަރާތުން ބުނެފައިވަނީ ދަރަނި ދެއްކުމަށް ޕެންޝަން ފައިސާ ބޭނުންކުރުމުގެ މަފްހޫމަކީ ރާއްޖޭގައި ހެދިފައިވާ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ވެސް ހިމެނޭ ކަމަކަށް ނުވާއިރު ދަރަނި ދެއްކުމަށް އަދި ވަކިން ހާއްސަކޮށް ތިންވަނަ ފަރާތެއްގެ ދަރަނި ދެއްކުމަށް އަސާސީ ޕެންޝަންގެ ފައިސާ ކޯޓުން ނަގައިދޭން ކަނޑައެޅުމަކީ އަސާސީ ޕެންޝަން ލިބޭ އުމުރުން ދުވަސްވީ މީހުންގެ މާލީ ރައްކާތެރިކަން ގެއްލ،ި އެފަރާތްތަކަށް ނުރަނގަޅު ނުފޫޒު ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އަލީ އަހުމަދަށް ޕެންޝަނުގެ ގޮތުގައި ދޫކުރާ ފައިސާއިން ކާފަގެ ދަރީގެ ހަރަދު އުނިކުރަން ފެމިލީ ކޯޓުން ކަނޑައެޅީ އާއިލާއާބެހޭ ގަވާއިދުގެ ދަށުން ކަމަށާއި އެ ގަވާއިދުގައިވާ ގޮތުން ޖާމިނުވާ ފަރާތަކަށް ތިންވަނަ ފަރާތަކުން ލިބޭ ފައިސާ ހަރަދު ދެއްކުމަށް ނަގައިދެވިދާނެކަމަށް ކަނޑައަޅައިފައި ނުވާކަމަށާއ،ި ހަރަދު ދެއްކުމަށް ތިންވަނަ ފަރާތަކުން ލިބޭ ފައިސާއާ ގުޅޭ ކަމެއްގެ ގޮތުގައި އެ ގަވާއިދުގައި ހިމެނެނީ މުސާރައިގެ ގޮތުގައި ލިބޭ ފައިސާ ކޯޓަށް ޖަމާކުރުމަށް ވަޒީފާދޭ ފަރާތަށް ނުވަތަ މަސަތްކަތްކުރާ ތަނަށް އެންގުން ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ. ވަޒީފާއިން ލިބޭ މުސާރައިގެ މާނައިގެ ތެރޭގައ،ި ޕެންޝަން ނުހިމެނޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ. އަދި ވަނީ ފެމިލީ ކޯޓުގެ ހުކުމް ބާތިލުކޮށްދިނުމަށް އެދިފައެވެ.

"ޕެންޝަން އޮފީހުގެ ގާނޫނީ ޒިންމާއަކ،ީ އަސާސީ ޕެންޝަން ހައްގުވާ ފަރާތްތަކަށް ސީދާ ފައިސާ ރައްދުކޮށްދިނުން ކަމަށާއި ފެމިލީ ކޯޓުގެ ގަޒިއްޔާއިން އަލީ އަހުމަދުގެ އަސާސީ ޕެންޝަނުގެ ފައިސާއިން އުނިކުރުމަށްފަހު، އެ ފަރާތުގެ ދަރިއެއްގެ ސާބިތު ދަރަނީގެ ފައިސާ ދެއްކުމަށް އަންގާފައި ވަނީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނާއ،ި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގާވާއިދާ ހިލާފަށް" ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.

ކުއްޖާގެ މަންމަ ހައި ކޯޓުގައި ބުނެފައިވަނީ ކުއްޖާގެ ބައްޕަގެ އިތުރު ދެކުދިން ތިބޭއިރު އެ ދެކުދިންގެ ހަރަދުކުރާ ގޮތަށް މި ކުއްޖާއަށް ވެސް ހަރަދު ލިބުމަށް އެދޭ ކަމަށެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ކުއްޖާގެ ބައްޕަގެ މައްޗަށް ކަމަށާއ،ި ކުއްޖާގެ ކާފައަށް އަސާސީ ޕެންޝަނުގެ ގޮތުގައި ލިބޭ ފައިސާއިން ކުއްޖާއަށް ހަރަދު ދައްކާ ގޮތަށް ނިންމި ނިންމުމަކީ އެ ފަރާތުން އެދިގެން ނިންމި ނިންމުމެއް ނޫންކަމަށެވެ.

ދެފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު ހައި ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ސަލީމް އޭނާގެ ރައުޔުގައި ވިދާޅުވީ ފެމިލީ ކޯޓުން އެގޮތަށް ހުކުމްކުރީ ކުއްޖާގެ ބައްޕަ ދައްކަން ޖެހޭ ފައިސާ ދައްކާނެ ކަމަށް ބުނެ ކުއްޖާގެ ކާފަ ޖާމިނު ވެފައިވާތީ ކަމަށެވެ. އަދި އެ ފައިސާ ދެއްކުމަށް ކުއްޖާގެ ބައްޕަ ޝަރީއަތުގައި އެއްބަސްވެފައިވާތީ ކަމަށް ފަނޑިޔާރު ސަލީމް ވިދާޅުވިއެވެ. ޕެންޝަން ފައިސާ ޖަމާކުރަން ވާނީ އެ ލިބިދޭ ފަރާތުގެ އެކައުންޓަށް ނުވަތަ ބަލަދުވެރިޔާ ނުވަތަ ޕެންޝަން ލިބިދޭ މީހަކު ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަށް ކަަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ކުއްޖާގެ ކާފަ ފެމިލީ ކޯޓުގައި އެދިފައިވަނީ އޭނާއަށް ލިބޭ ޕެންޝަން ފައިސާއިން ދަރީގެ ހަރަދުގައި ދައްކަން ޖެހޭ ބައި ފެމިލީ ކޯޓަށް ދޫކުރުމަށް ކަމަށާއި ފެމިލީ ކޯޓުން ހުކުމްކޮށްފައި ވަނީ އެގޮތަށް ކަމަށް ފަނޑިޔާރު ސަލީމް ވިދާޅުވިއެވެ. އެހެންވެ ފަނޑިޔާރު ސަލީމް ރައުޔު ކަނޑައެޅުއްވީ އަލީ އަހުމަދަށް ޕެންޝަނުގެ ގޮތުގައި ލިބޭ ފައިސާއިން ވަކި މިންވަރެއް ފެމިލީ ކޯޓަށް ޖަމާކުރުމަށް އެންގި އެންގުމަކީ، ޕެންޝަނާބެހޭ ޤާނޫނުގައި ބުނާ އަސާސީ ޕެންޝަން ލިބެން ޖެހޭ ފަރާތެއް ނޫން ފަރާތަކަށް ފައިސާ ދޫކުރުން ކަމަށް ބެލޭނެ ހަމައެއް އޮތްކަމަށް ނުދެކޭ ކަމަށެވެ. އަދި އެއީ ޕެންޝަން ދިނުމާ ބެހޭ ގަވާއިދާ ހިލާފަށް ކުރި އަމުރެއް ކަމަށް ވެސް ނުބެލެވޭ ކަމަށެވެ.

ނަމަވެސް އެ ރައުޔަށް ބެންޗުގައި ދެންތިއްބެވި ދެ ފަނޑިޔާރު އިއްތިފާގުވެފައި ނުވެއެވެ. ފަނޑިޔާރު މުހައްމަދު ނިޔާޒު އޭނާގެ ރައުޔުގައި ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނަކީ އެމީހުންނަށް ލިބޭ މުސާރައެއް ނޫން ކަމަށެވެ. އެއީ ޕެންޝަން އުމުރު ކަމުގައި ގާނޫނުން މިހާރު ކަނޑައަޅާފައިވާ 65 އަހަރުވާ ކޮންމެ ދިވެހި ރައްޔިތަކަށް ގާނޫނުން ލިބިދެވޭ ޕެންޝަނެއް ކަމަށެވެ. އެހެންކަމުން އެ ޕެންޝަން ލިބެންވާ ފަރާތް ނޫން އެހެން ފަރާތަކަށް ދިނުމަށް ޕެންޝަން އޮފީހުގެ މައްޗަށް ކޯޓުން އަމުރު ކުރުމަކީ ޕެންޝަން ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް ކުރެވޭ އަމުރެއް ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. ޕެންޝަން އޮފީހުން ޕެންޝަން ލިބެންވާ މީހާއަށް ޕެންޝަން ފައިސާ ޖަމާކުރުމުން، ދެން އެމީހަކު އަތުން އެފައިސާ ހޯދުމަށް ކޯޓަކުން މަސައްކަތް ކުރުމަކީ މުޅިން އެހެން މައްސަލައެއް ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.

ކުއްޖާގެ ބައްޕަގެ ބައްޕައަށް މި ހަރަދު ދޭން ކޯޓުން އަންގާފައިވަނީ ޖާމިނެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް ސާބިތު ހަރަދަށް ފައިސާ ނުދައްކާ އޮތްކަން ކޯޓުން އަމިއްލަ އިސްނެގުމުން ބެލި މައްސަލައެއްގައ،ި ކުއްޖާގެ ބައްޕަގެ ސިކުނޑީގެ ހާލަތު ހުރި ގޮތުން، އެ ހަރަދު ކުއްޖާގެ ބައްޕައަށް ނުދެއްކޭނެކަން ގަބޫލު ކުރެވިގެން، ބައްޕަ ފަރާތު ކާފަ އެ ހަރަދު ދައްކަން ހުރިތޯ ސާފު ކުރި ކުރުމުން، ބައްޕަ ފަރާތު ކާފަ ބުނެފައިވަނީ 'އަލީ އަހުމަދުއަށް ލިބޭ އާމްދަނީގެ ނިސްބަތުން ދެއްކޭނެ ކަމަށް ގަބޫލުކުރާ މިންވަރަށް އަލީ އަހްމަދުގެ ކާފަ ދަރީގެ ހަރަދު ފައިސާ ދައްކަން ހުރި ކަމަށެވެ'" ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.

އެހެންކަމުން ކުއްޖާގެ ކާފަ އެ ފައިސާ ދެއްކުމަށް ޖާމިނުވެފައިވާކަން އެނގެން ނެތް ކަމަށާއި ޖާމިނުވެފައިވާ މައްސަލައެއްގެ ގޮތުގައި ދެކިގެން މި މައްސަލައަށް ގޮތެއް ނިންމައިގެން ނުވާނެ ކަމަށެވެ. ޕެންޝަން އޮފީހަކީ ގާނޫނީ ޝަހުޝެއް ކަމަށާއި އެ ފަރާތުގެ މައްޗަށް ވަކި ކަމެއް މަތިކޮށް ހުކުމްކުރާއިރު އެ ފަރާތުގެ ބަހެއް ހޯދަން ޖެހޭނެ ކަމަށް ވެސް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ. އަދި އަލީ އަހުމަދުގެ ޕެންޝަން ފައިސާއިން ކާފަ ދަރީގެ ހަރަދު ކަނޑާނަމަ، އެކަމާ ގުޅިގެން އަލީ އަހުމަދުގެ ބަހެއް ވެސް ހޯދަން ޖެހޭނެ ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވިއެވެ.

ފަނޑިޔާރު ނިޔާޒު ރައުޔު ކަނޑައެޅުއްވީ ފެމިލީ ކޯޓުގެ ހުކުމް ބާތިލުކުރަން ޖެހޭ ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު ހުސައިން މަޒީދު ވަނީ ތާއިދުކުރްވައިފައެވެ.

އެހެންވެ އަޣުލަބިއްޔަތުން ކުރި އެ މައްސަލައިގެ ހުކުމުގައި ފަނޑިޔާރު ސަލީމް ވިދާޅުވީ ފެމިލީ ކޯޓުގެ ހުކުމް ބާތިލު ކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ހުކުމްކުރާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟