ވެމްކޯ

ނުވަ އޮޑިޓެއް ކުރިއަށް އެބަދޭ، އޭސީސީން ހަތަރު މައްސަަލަ އެބަ ބަލާ : ވެމްކޯ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހާއްސަ ނުވަ އޮޑިޓެއް ކުރިއަށް ގެންދާ ކަމަށާއި، އެ އޮޑިޓްތައް ނިމުމުން ވޭތުވެދިޔަ ތަނުގައި އެ ކުންފުނިން ފައިސާ ހަރަދުކޮށްފައިވާ ގޮތް ސާފުވެ އަޅަން ޖެހޭ ފިޔަވަޅުތައް އެނގިގެންދާނެ ކަމަށް އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ވެމްކޯގެ އެމްޑީ ވިދާޅުވީ، ކުންފުނި އޮޑިޓް ކުރަމުން އަންނައިރު، އެ ކުންފުންޏާބެހޭ ކޮރަޕްޝަންގެ ހަތަރު މައްސައެއް އޭސީސީންވެސް ބަލަމުން އަންނަ ކަމަށެވެ.

"ކުންފުނީގެ ސްޕެޝަލް އޮޑިޓެއްގެ ގޮތުގައި ނުވަ އޮޑިޓެއް އެބަގެންދޭ، އެ އޮޑިޓްތައް ނިމިގެން، އެ އޮޑިޓްތަކުގެ ރެކޮމެންޑޭޝަނެއް އަޅުގަނޑުމެންނާ ހަމައަށް އައީމަ އެނގޭނީ އަޅަންޖެހޭ ފިޔަވަޅު ތަކާއި، ބަޔަކާ ދެކޮޅަށް ދައުވާ ކުރަންޏާ އެކަމެއް ސާފުވެގެންދާނެ. އޭސީސީން ވެސް ހަތަރު މައްސަލައެއް އަންނަނީ ބަލަމުން، އެ ފަރާތްތަކުން އަންގާނެ އެކަންކަން،" އާދަމް މުހައްމަދު ވިދާޅުވިއެވެ.

އެމްޑީ ވިދާޅުވީ، ވެމްކޯއާ ހަވާލުވެ ވަޑައިގެންނެވީ، 25 ޑިސެމްބަރު 2018 ގައި ކަމަށާއި، އޭރު ކުންފުނީގެ ރައުސްމާލުގެ ގޮތިގައި ހުރީ ވަރަށްކުޑަކުޑަ އަދަދެއްކަމަށެވެ. ނަމަވެސް 70 މިލިޔަން ރުފިޔާގެ ދަރަނި ކުންފުނީގައި އޮތްކަމަށްވެސް ވިދާޅުވިއެވެ.

"ކުންފުންޏާ ހަވާލުވިއިރު ކުންފުނީގެ ރައުސުލްމާލުގެ ގޮތުގައި ހުރީ ވަރަށް ކުޑަކުޑަ އަދަދެއް، ގާތްގަނޑަކަށް ހައެއްކަ އަށެއްްކަ މިލިޔަން ރުފިޔާ. ޑިސެމްބަރު މަހު މުސާރަ ދީފަ ހުރީ ހަ މިލިޔަނޭ ހަނދާންވަނީ. އޭގެ އިތުރުން ކުންފުނި ދަރަނިއޮތް 70 މިލިޔަން،" އާދަމް މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ވޭތުވެދިޔަ މަސްތަކުގައި ކުންފުނި ކޮންމެވެސް ވަރަކަށް މެނޭޖްކޮށް، ދަރަނީގެ ތެރެއިން ވިއްސަކަށް މިލިޔަން ރުފިޔާ މިހާރު ދައްކައި ހަލާސް ކޮށްފައިވާކަމަށެވެ.

އާދަމް މުހައްމަދު ވިދާޅުވީ، ކުންފުނީގައި އެކަށީގެންވާ އަދަދަށް ވަސީލަތް ގާއިމުކުރެވިފައި ނެތް ކަމަށާއި، އިންވެސްޓް ކުރެވިފައި ހުރީ އެކަށީގެންވާ ގޮތަށް ނޫން ކަމަށެވެ.

"ނަމަވެސް މި ކުންފުނިން އިންވެސްޓް ކުރުމަށް ވަރަށްގިނަ ފައިސާތަކެއް ހަރަދު ކުރިކަން އެބަހުރި ފެންނަން. އެހެންވީމަ ފަންޑް މެނޭޖް ކުރުމުގެ މައްސަލަތަކެއް ހުރިކަން ފެނިގެން އެބަދޭ. މިސާލަކަށް ދަންނަވާނަމަ 59 މިލިޔަން ރުފިޔާގެ އިންވެސްޓްމަންޓަށް ހަރަދު ކުރެވިފަ އެބައޮތް ވެރިއަކު އޮތޮރައިޒް ނުކޮށް. ހަމަ އެހެންމެ ކުންފުނިން ބޭނުންވާ އެކި ކަންތައްތައް ކުރުމަށްޓަކައި ގާތްގަނޑަކަށް 57 މިލިޔަން ހަރަދު ކޮށްފަ އެބައޮތް ލޭންޑިންގ ކްރާފްޓް އާއި ހެވީ ވެހިކަލް އެއްޗެހި ކުއްޔަށް ގެންނަން. އަޅުގަނޑަަށް ފާހަގަ ކުރެވުނީ އަޅުގަނޑުމެންނަށް މި ބޭނުންވާ އިކުއިޕްމެންޓާއި ވެހިކަލާއި ވެސެލްސްއާ މި އެއްޗެއްސަށް އިންވެސްޓް ކުރެވުނު ނަމަ މިއަށްވުރެ ނަތީޖާ ރަނގަޅު ކުރެވުނީސްއޭ،" އާދަމް ވިދާޅުވި އެވެ.