ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) ގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި ސ. ހުޅުދޫ، ރިވަސައިޑް އަހުމަދު ނާސިފް، އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރިވެޓައިޒާޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް އިން މިއަދު ބުނީ ނާސިފް، އެޗްޑީސީގެ ޗެއާމަނުކަމުން ވަކިކޮށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޗެއާމަން ކަމުގެ މަގާމަށް މިއަދު އައްޔަނު ކޮށްފައިވާ ކަމަށެވެ.
އެޗްޑީސީގެ ޗެއާމަނުކަމަށް ނާސިފް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ.
މި ސަރުކާރުގައި އެންމެ ފުރަތަމަ ނާސިފް އައްޔަންކޮށްފައިވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ ޗެއާމަންކަމުގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ނާސިފް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ނާސިފް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގެ އިތުރުން ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދި ގްރޭޓާ މާލޭ އިންޑަަސްޓްރިއަލް ޒޯނުގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.