އިންޑިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް، މޯދީއާ ބައްދަލުކުރައްވާފައިވަނީ ވެރިރަށް ނިއު ދިއްލީގައި ހުންނަ ބޮޑުވަޒީރުގެ ރަސްމީ އޮފީސް ހައިދްރައާބާދު ހައުސްގައެވެ.
އެ ބައްދަލުވުމުގައި ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބިކަނބަލުން ސާޖިދާ މުހައްމަދަށް، އިންޑިއާއިން ވަނީ ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއްދިއްލީގައި އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފައެވެ. ރިޔާސީ ގަނޑުވަރަށް ރައީސް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާގެ ރައީސްއެވެ.
އެ ރަސްމިއްޔާތުގައި ވަނީ ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައެވެ. އަދި ރައީސްގެ ޝަރަފުގައި ހާއްސަ ގާޑް އޮފް އޮނާއެއް އަރުވައި ވަނީ އިންޑިއާގެ އަސްކަރިއްޔާގެ ހާއްސަ ހަރަކާތްތަކަކާއި، ސަގާފީ ބައެއް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެ ދައުވަތު ގަބޫލުފުޅުކުރައްވައި ރައީސް އިންޑިއާއަށް ފުރާވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތީގައެވެ.