ޚަބަރު

ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު 17 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި

އިބްރާހިމް ޒަކީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށުގައި މީހަކު 17 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.

މި ދައުވާގައިވާ ގޮތުން، އެކުއްޖާ ކިޔަވަންދިޔަ ގުރުއާން ކުލާހުގައި ގުރުއާން ކިޔަވައިދިން މީހާ އެކުއްޖާއަށް ޖިންސީގޯނާ ކުރާ ވާހަކަ، އެ ކުއްޖާއަށް އިސްލާމް ކިޔަވައިދިން ޓީޗަރަށް ކިޔައިދިނުމުން، އެ ޓީޗަރު ވެސް އެކުއްޖާއަށް ޖިންސީ ގޯނާ ކުރިއެވެ.

މި މައްސަލައިގައި އިސްލާމް ޓީޗަރަކު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އެ މައްސަލަ ފެންމަތިވީ 2020 ވަނަ އަހަރުއެވެ.

އެ ކުއްޖާ ބުނެފައިވާ ގޮތުގައި ފުރަތަމަ ގުރުއާން ކިޔަވައިދިން މީހާ ޖިންސީ ގޯނާކުރީ، އެ ކުއްޖާގެ އުމުރުން 11 އަހަރުގައި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދުއެވެ. އެއީ އެކުއްޖާ ބަރަހަނާކޮށް ފޮޓޯ ނަގައި އެ ފޮޓޯ ލީކު ކޮށްލާނެ ކަމުގެ ބިރު ދައްކައިގެންނެވެ.

އިސްލާމް ޓީޗަރު 2019 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ، ގުރުއާން ކިޔަވައިދޭ މީހާ، އެ ކުއްޖާއަށް ޖިންސީ ކުރި ވާހަކަ އިސްލާމް ޓީޗަރަށް ކިޔައި ދިނުމުން، އެވާހަކަ ރަށު މީހުންގެ ކައިރީގައި ކިޔައިދޭނަ ކަމަށް ބުނެ، ބިރު ދައްކައި ބްލެކްމެއިލް ކޮށްގެން ކަމަށްވެސް ދައުވާގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި އިސްލާމް ޓީޗަރާއި ގުރުއާން ކިޔަވައިދިން މީހާގެ މައްޗަށް ދައުވާ ކުރުމުން 2022 ވަނަ އަހަރު ކުރިމިނަލް ކޯޓުން ނިންމީ އިސްލާމް ޓީޗަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. ނަމަވެސް ގުރުއާން ކިޔަވައިދިން މީހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 17 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ.

ހައިކޯޓުގައި ބެލި މައްސަލައަކީ، ގުރުއާން ކިޔަވައިދިން މީހާގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރީ ގޯސް ހުކުމެއް ކަމަށް ބުނެ، އެމީހާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައެވެ.

ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ކުއްޖާގެ ފަރާތުން އެ ވާހަކަ އެންމެ ފުރަތަމަ މީހަކަށް ކިޔައިދިނީ ހާދިސާ ހިނގިތާ ހައެއްކަ އަހަރު ފަހުން ކަމަށާއި އަދި ޖެންޑާ މިނިސްޓްރީ އާއި ފުލުހުން އެ ކުއްޖާގެ ބަޔާން ދެ ފަހަރަށް ނެގި އިރު ފާހަގަ ކުރެވޭ ތަފާތުތަކެއް ދެ ބަޔާނުން ފެންނަން ހުރި ކަމަށެވެ. އަދި އެ ހާލަތުގައި އެ ކުއްޖާ ބުނާ ބުނުމުގެ މައްޗަށް ބިނާކޮށް، އެ ކުއްޖާގެ އާއިލާގެ މީހުންގެ ހެކިބަހަށް ބުރަދަން ދިނުން ރަނގަޅު ނޫން ކަމަށް ވެސް ހުކުމުގައިވެއެވެ.

މީގެ އިތުރުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރި މައްސަލައެއް އެއްފަހަރާ ދަށު ކޯޓުން ހިންގި އިރު، ހެކިން ދީފައިވާ ހެކިބަހަށް ބަލާ އިރު، އޭގެ ތެރެއިން އެކަކު ސަލާމަތްކޮށް އަދި ދެވަނަ މީހާގެ މައްޗަށް ކުށް ސާބިތުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ހުކުމުގައިވެއެވެ.

އަދި ކުއްޖާއާ ބެހޭގޮތުން ހެދި މެޑިކޯ ލީގަލް ރިޕޯޓްތަކުގައި ވެސް، ޓީޗަރާ ދެކޮޅަށް ބާރު ލިބޭ ހެއްކެއް ނެތް ކަމަށް ދަށު ކޯޓުން ނިންމި އިރު، އޭގެ މާކުރިން ގުރުއާން ކިޔަވައިދިން މީހާ ޖިންސީ ގޯނާ ކުރި ކަމަށް ބުނި މީހާއާ ދެކޮޅަށް ހެއްކެއް ލިބުނު ގޮތެއް ސާފުނުވާ ކަމަށް ވެސް ހުކުމުގައިވެއެވެ.

އެކަންކަން ފާހަގަ ކުރައްވައި، ފަނޑިޔާރު މުހައްމަދު ނިޔާޒާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އަގުލަބިއްޔަތުން ނިންމެވީ ދަށު ކޯޓުގެ ހުކުމް ބާތިލްކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ސަބަބެއްގެ ގޮތުގައި އެ ރައުޔުގައި ވަނީ އެ ކުއްޖާއަށް، އެ މީހާ ޖިންސީ ގޯނާކުރި ވާހަކަ ޓީޗަރުގެ ފަރާތުގައި އެންމެ ފުރަތަމަ ކިޔައި ދިނުމުން، އެ ޓީޗަރު ވެސް އެ ކުއްޖާއަށް ޖިންސީ ގޯނާކުރަން ފެށުމުން، އެ ވާހަކަ އެހެން މީހުންނާ ހިއްސާކުރަން އެ ކުއްޖާ ފަސް ޖެހުނީ ކަމަށް ބެލެވޭތީއެވެ. އަދި ޖިންސީ ގޯނާއެއް ބޭރު ފުށުން ފެންނަން ނެތުމަކީ އެ ކުއްޖާ ބުނާ ބުނުން ނަފީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ރައުޔުގައިވެއެވެ.

ނަމަވެސް ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައި ވަނީ އެ މީހާ ޖަލަށްލާން ދަށު ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ.