ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލް، ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު އިން ގަތް ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކުރުން ދިން މުއްދަތު އިތުރުކޮށްދީފައިވަނީ، އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެގެ ކުރިން އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރަން ބައްސާމްގެ މައްޗަށް ކޯޓުން އޮތީ އަމުރުކޮށްފައެވެ. އެހެންވެ، އެ ދެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދިޔައީ ކުރަމުންނެވެ. ނަމަވެސް އެޕާޓްމަންޓްތައް ހަވާލުކުރަން މި މަހުގެ ނިޔަލަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުންގެ ފަރާތުން ފުލުހުންނަށް ސިޓީއެއް ފޮނުވިއެވެ.
ފުލުހުން މީޑިއާތަކަށް ރޭ ފޮނުވި މެސެޖެއްގައި ބުނީ، ހާލަތަށް ރިއާޔަތްކޮށް، ސިޓީގައި އެދިފައިވާ މުއްދަތަށް ފުރުސަތު ދީފައިވާ ކަމަށާއި އެކަން ލިޔުމުން ބައްސާމަށް އަންގާފައިވާ ކަމަށެވެ.
ފުލުހުން މިއަދު ބުނީ، އެޕާޓްމަންޓްތައް ފުލުހުންނާ ހަވާލުކުރުމުގެ ކޯޓު އަމުރުގައި އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްފައިވާ ކަމަށާއި އެޕާޓްމަންޓް ތަކަކީ ބޮޑެތި މީހުންނާއި ކުޑަކުދީން ވެސް ދިރިއުޅެމުންދާ އެޕާޓްމަންޓްތަކަކަށްވާތީ، ހާލަތަށް ރިއާޔަތްކުރުމުގައި އެކަންކަން ކަމަށް ބަލައިފައިވާނެ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުން ބައްސާމް އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތީ ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅަ ކްލަބުތަކަށް ދިމާވީ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ފީފާ އިން ހޯދި 1.9 މިލިއަން ޑޮލަރު ލޯނު ބޭނުންކޮށްގެންނެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ވަނީ ފޮނުވައިފައެވެ. އެއީ ބައްސާމްގެ އިތުރުން މ. ހިރިނައިދޫ، ހަސަން ވަހީދު އާއި ގއ. ގެމަނަފުށި/ ފެހިކުރި، މުހައްމަދު އަގީލް، 35 އެވެ. އޭގެ އިތުރުން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވެއެވެ. އެ ފަރާތްތަކަށް ފުލުހުން ތުހުމަތު ކުރަނީ އޮޅުވާލުމާއި މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށެވެ.