ގަވާއިދާ ހިިލާފަށް ރާއްޖެއަށް ގެންނަ ދިރޭތަކެތި ނައްތާލުމުގެ ހަރަދު އެ ތަކެތި ގެންނަ ފަރާތްތަކުން ދޭންޖެހޭ ގޮތަށް ގަވާއިދު ހަދައިފިއެވެ.
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީން އިއްޔެ ވަނީ "ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު" އަށް ގެނައި އިސްލާހު ގެޒެޓުކޮށްފައެވެ.
އެ އިސްލާހުގައިވާ ގޮތުން ގަވާއިދާ ހިލާފަށް ގެންނަ ދިރޭ ތަކެއްޗާ މެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ނިންމުމަކީ، އެ ދިރޭ އެއްޗެއް ގެނައި ގައުމަކަށް ނުވަތަ ރެސްކިއު ސެންޓަރަކަށް ނުވަތަ އެކަށީގެންވާ ފެސިލިޓީއަކަށް ފޮނުވައިލުން ކަމަށްވާ ނަމަ، ގަވާއިދާ ހިލާފަށް ދިރޭތަކެތި އެތެރެކުރާ ފަރާތުން އެ އިންތިޒާމުތައް (ބޭނުންވާ ލިޔެކިޔުމާއި ހަރަދާއި އެހެނިހެން) އެ ދިރޭ އެއްޗެއް ނެގިތާ ހަތް ދުވަހުގެ ތެރޭގައި ހަމަޖައްސަންވާނެއެވެ.
ގަވާއިދުގައި މީގެ ކުރިން ބަޔާންކޮށްފައިވަނީ ގަވާއިދާ ހިިލާފަށް ރާއްޖެއަށް ގެންނަ ދިރޭތަކެއްޗަށް، އެގަނައި ފަރާތުން ޒިންމާވާން ޖެހޭނީ އެހެން ގައުމަކަށް ފޮނުވާލުމުގެ ހަރަދު އެކަންޏެވެ.
އަލަށް ގެނައި އިސްލާހުގައި އިތުރަށް ބަޔާންކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ގެންނަ ދިރޭ ތަކެއްޗާ މެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ގޮތަކީ، އެ ދިރޭ އެއްޗެއް އިންސާނިއްޔަތުކަމާ އެކު މަރައިލުން ކަމަށްވާ ނަމަ ނުވަތަ ގަވާއިދާ ހިލާފަށް ގެންނަ ދިރޭ އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމަކާ މެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ގޮތަކީ، އެ ތަކެތި ނައްތައިލުން ކަމަށްވާ ނަމަ، އެ ހަރަދުތަކަށް ޒިންމާވާނީ އެ ތަކެތި އެތެރެކުރި ފަރާތުން ކަމަށެވެ.
އެ އިސްލާހުތަކަށް އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.