ޚަބަރު

އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރައްވައިފި

އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ބައްދަލުކުރެއްވުމުގައި ނިއުދިއްލީގައި މަސައްކަތްކުރާ އަދި އެކި ކަންކަމުގައި އެގައުމުގައި އުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އެންމެ ފުރިހަމަ އެހީތެރިކަން ދިވެހި ރައްޔިތުންނަށް ލިބޭނެގޮތަކަށް، މިހާރަށްވުރެ ފުރިހަމަކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ރައްޔިތަކު ކޮންމެ ގައުމެއްގައި ހުއްޓަސް އެ ރައްޔިތަކަށް ދިވެހި ދައުލަތުގެ އެހީތެރިކަން ލިބޭގޮތަށް ސިޔާސަތު ބައްޓަންކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތު ހޭދަކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި، ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ރައީސްގެ ދެކަނބަލުން ވަނީ ހަނދާނީ ފޮޓޯއެއް ވެސް ނަންގަވައިފައެވެ.