ފުލުހަކު ޗުއްޓީގައި ހުއްޓައި އޭނާ ވަޒީފާއަށް ހާޒިރުނުވާ ކަމަށް ބުނެ ވަޒީފާއިން ކަނޑާލައިފައިވަނީ ގޯސްކޮށް ކަމަށް ހައި ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.
ފުލުހުންގެ ވަޒީފާގައި ހުރި ހުސައިން އަލީމަނިކު، ސައްކެޔޮގަސްދޮށުގެ، ތ. ތިމަރަފުށި އަކީ 02 ޖެނުއަރީ 2005 އިން ފެށިގެން ފުލުހުންގެ މުއައްސަސާގައި ވަޒީފާ އަދާކުރަމުންދިޔަ ފުލުހުކެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ 2017 ޖުލައި 8 ގައެވެ. ހުސައިން އަލީމަނިކު، އައިޕީއެސް ޓްރެއިނިން ނިންމުމަށްފަހު މާލެ އައިސްފައިވަނީ 2015 އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އޭނާ މާލެ އައުމުން ރަސްމީކޮށް ވަޒީފާއަށް ނުކުންނަން އެންގީ ހަތަރެއް ނޮވެމްބަރުގައެވެ. އެ ދުވަހު ވަޒީފާއަށް ރިޕޯޓް ކުރުމުން އޭނާއަށް އެންގީ ޑިއުޓީ ކުރުމަށް ދެ މަހަށް ނުވަތަ އެއް މަހަށް އަތޮޅު ތެރެއަށް ފުރުމަށެވެ.
ނަމަވެސް އެއިރު ހުސައިން އަލީމަނިކުގެ އަންހެނުން ވިހައިގެން އޮތުމުންނާއި މަންމަގެ ބޭސް ފަރުވާއަށް މަޑުކުރަން ޖެހުމުގެ ސަބަބުން ދެ މަސް ދުވަހަށް ނުވަތަ އެއް މަސް ދުވަހަށް މަޑުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދުނެވެ. އެގޮތަށް އެދުމުން "ވަރަށް ރަނގަޅު ގޮތެއް ހަމަޖައްސަވައިދެއްވާނެ" ކަމަށް ހުސައިން އަލީމަނިކަށް އޭނާގެ ސީނިއަރުން އެންގިއެވެ. ނަމަވެސް އެފަހުން އޭނާ އަތޮޅުތެރެއަށް ވަޒީފާއަށް ދިއުމަށް އިންކާރުކުރި ކަމަށް ބުނެ އެ މައްސަލަ އެޗްއާރަށް ފޮނުވި ކަމަށާއި އެ މައްސަލައިގައި އެޗްއާރުން ނިންމާފައިވަނީ ތިން މަސް ދުވަހުގެ ކައުންސިލިން ދިނުމަށެވެ.
ދައުވާގައިވާ ގޮތުން ހުސައިން އަލީމަނިކު ޗުއްޓީއަށް އެދުމުން އޭނާއަށް އެންގީ އެކަން ހަމަޖެހޭނެ ކަމަށެވެ. ޗުއްޓީ ނިންމުމަށްފަހު 2016 ސެޕްޓެމްބަރު 19 ގައި އޭނާ ވަޒީފާއަށް ނުކުތް ކަމަށާއި ނަމަވެސް ޗުއްޓީގައި ހުރި ދުވަސްތައް އެއީ ހާޒިރުނުވާ ދުވަސްތަކެއް ކަމަށް ބަލައި 2017 ޖުލައި 8 ގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޑިސިޕިލިނަރީ ކުށަކާ ގުޅިގެން ޑިސިޕިލިނަރީ ބޯޑުންނެވެ.
އެއީ ބާތިލު ނިންމުމެއް ކަމަށް ދެކޭތީ ހުސައިން އަލީމަނިކު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ ކޯޓުން އެ މައްސަލަ ނިންމީ ހުސައިން އަލީމަނިކާ ދެކޮޅަށް ކަމަށްވުމުން އޭނާ ވަނީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އެ މައްސަލައިގައި ހައި ކޯޓުގައި ހުސައިން އަލީމަނިކުގެ ފަރާތުން ބުނެފައިވަނީ އެ މައްސަލައިގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ބެކް ޑޭޓުކޮށް ޗުއްޓީއަށް އެދުމަކީ ފުލުހުންގެ މުއައްސަސާގައި ކުރާ ކަމެއްކަން އެނގޭ ކަމަށެވެ. އެކަން ކުރާ ގޮތަކީ ސިސްޓަމުން ރިކުއެސްޓް ލޮޖު ކުރުމުގެ ބަދަލުގައި ފޯމު ހުށަހަޅައިގެންކަން އެނގެން އޮންނަ ކަމަށާއި މިގޮތުން ބެކް ޑޭޓުކޮށް އެދޭ ޗުއްޓީ އެޕްރޫވު ވެއްޖެނަމަ ހާޒިރުނުވާ ދުވަސްތައް ހުއްދަ ނެތި ޑިއުޓީއަށް ނުނިކުންނަ ދުވަސްތަކުގެ ގޮތުގައި ނުބަލާކަން އެނގޭ ކަމަށެވެ. ހަމައެއާއެކު ބެކް ޑޭޓްކޮށް ޗުއްޓީއަށް އެދުމުން އަޕްޑޭޓެޑް މެޑިކަލް ޑޮކިއުމަންޓްތައް ފޮނުވަން އެދުމުން އެ ޑޮކިއުމަންޓްތައް ފޮނުވާފައިވާނެ ކަމަށް ހުސައިން އަލީމަނިކު ބުންޏެވެ.
އެމަޖެންސީ ޗުއްޓީއަކަށް އެދުނީ ދަރިފުޅުގެ ދިގު މުއްދަތުގެ ފަރުވާއަކަށް އިންޑިއާގައި ހުރުމުން އިތުރު ޗުއްޓީއެއް ނެތިގެން ކަމަށާއި ޗުއްޓީއަށް ފުރަތަމަ އެދުނުއިރު ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމަންޓްތަކަކީ އޭގެ ކުރިންވެސް ޗުއްޓީއަށް އެދި ހުށަހެޅި ދަރިފުޅުގެ މެޑިކަލް ލިޔެކިޔުންތައްކަމާއި އަޕްޑޭޓެޑް މެޑިކަލް ލިޔެކިޔުންތައް ހޯދުމަށް އެދުމުން އެފަދައިން ޑޮކްޓަރަށް ރިކުއެސްޓްކޮށްގެން ލިޔެކިޔުންތައް ފޮނުވާފައިވާނެ ކަމަށެވެ. 2016 ސެޕްޓެމްބަރު 03 ވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނުކުމެފައިނުވަނީ ހުއްދަ ނެތި ވަޒީފާއާއި ފިލުމަށް ކަމަށް ކަނޑައަޅާފައިވަނީ ރަނގަޅަށްކަމުގައި ނުދެކޭ ކަމަށް ހުސައިން އަލީމަނިކު ބުންޏެވެ.
ހުސައިން އަލީމަނިކު ބުނީ އޭނާއަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ގާނޫނީ ވަކީލެއްގެ އެހީތެރިކަމުން ވެސް މަހުރޫމްވެފައިވާ ކަމަށެވެ.
ނަމަވެސް ދައުލަތުން ވިދާޅުވީ ހުސައިން އަލީމަނިކަށް ޗުއްޓީ ހަމަޖައްސައިދީފައިނުވާނެ ކަމަށެވެ. ޗުއްޓީ ހަމަޖައްސައިނުދިނީ ބެކްޑޭޓެޓް ލިޔުންތަކެއް ހުށަހެޅުމުގެ ސަބަބުން ކަމަށް ދައުލަތުން ވިދާޅުވިއެވެ.
ދެފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް، އޭނާގެ ރައުޔުގައި ވިދާޅުވީ ފުލުހުންނަށް އަށް ބާވަތެއްގެ ޗުއްޓީ ނެގޭނެ ކަމަށް ފުލުހުންގެ "ޗުއްޓީ ނެގުމާއި ސަލާމް ގަވާއިދު" ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"ދައުލަތުގެ ފަރާތުން ހުށަހެޅި ހާޒިރީ ރިޕޯޓުތަކަށް ބަލާއިރު، ހުސައިން އަލީމަނިކު 2016 ޖުލައި މަހުން ފެށިގެން 2 ސެޕްޓެންބަރަށް ހުރީ އަހަރީ ޗުއްޓީގައިކަން އެނގެން އޮވެއެވެ. އަދި ސެޕްޓެންބަރު 03 އިން ފެށިގެން ހާޒިރުނުވާކަމަށް ފާހަގަކޮށްފައިވެއެވެ. އެއަށްފަހު 19 ސެޕްޓެންބަރު 2016 އިން ފެށިގެން 25 ސެޕްޓެންބަރު 2016 އަށް މުސާރަ ނުލިބޭ ޗުއްޓީގައި ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ 20 ޖުލައި 2017 ވަނަ ދުވަހުއެވެ" ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގަށް ބަޔާންދިން ދެ ސީނިއާ އޮފިސަރެއްގެ ހެކިބަހުގައިވާ ގޮތުން ހުސައިން އަލީމަނިކަށް ޗުއްޓީ ދީފައިނުވާކަން ބަޔާންކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެކަމުން ސާފުވާ ހަގީގަތްތަކަކީ ހުސައިން އަލީމަނިކު އެމަޖެންސީ ޗުއްޓީއަށް އެދިފައިވަނީ އަހަރީ ޗުއްޓީގައި ހުރެ އެ ޗުއްޓީ ނިމުމުންކަމާއި އެމަޖެންސީ ޗުއްޓީއަށް އެދުނު ނަމަވެސް އެ މުއްދަތުގައި އޮފީހަށް ނުނިކުމެ ހުރީ ޗުއްޓީ އެޕްރޫވް ނުވަނީސް ކަމަށެވެ.
"އެމަޖެންސީ ޗުއްޓީއަކީ މުވައްޒަފުންނަށް ދިމާވާ ކުއްލި ކަންކަމާ ގުޅޭގޮތުން ދެވޭ ޗުއްޓީއެއްކަމުން، ޗުއްޓީއަށް ދިއުމުގެ ކުރިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ގަޑިއަށް ހުށަނޭޅުނު ކަމުގައިވީނަމަ ވެސް އެ މުވައްޒަފު ޗުއްޓީގައި ހުންނަ މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހުށަހެޅުމަށް ފުރުސަތު ދެވޭ ކަމީ އާންމު އުސޫލުން ކަންކުރަމުން އަންނަ ގޮތް ކަމަށްވާއިރު، ހުސައިން އަލީމަނިކު ޗުއްޓީ އެޕްރޫވް ނުވަނީސް އަދި ޗުއްޓީއަށް އެދިފައި ވަޒީފާއަށް ހާޒިރުވަފައިނުވަނީ ބުނެވުނު އުސޫލުން އަމަލުކުރުމުގެ ސަގާފަތް މޯލްޑިވްސް ޕޮލިސް ސާވިސްގައި އޮންނާތީކަން އެނގެއެވެ" ފަނޑިޔާރު ވިދާޅުވިއެވެ.
"އެހެންކަމުން ހުސައިން އަލީމަނިކުގެ ފަރާތުން ޗުއްޓީއަށް އެދި އެ ޗުއްޓީ ހަމަނުޖެހުމުގެ ސަބަބުން އެ ފަރާތް ޑިއުޓީއަށް ހާޒިރުނުވާ ދުވަސްތައް ކަމަށް ހާޒިރީ ރިޕޯޓުން ފެންނަން ހުރި ދުވަސްތަކަކީ ޑިއުޓީއަށް ފިލައިގެން އުޅުމުގެ ނިޔަތުގައި އެފަރާތް ހާޒިރުނުވެ ހުރި ދުވަސްތަކުގައި މި މައްސަލައިގައި ބެލެވޭކަށްނެތެވެ. ސަބަބަކީ އެފަރާތުގެ އަހަރީ ޗުއްޓީ ނިމުމާއެކު އެމަޖެންސީ ޗުއްޓީއަށް އެދި ހުށަހެޅުމާއ،ި ފުރަތަމަ ފަހަރަށް ޗުއްޓީ ރިޖެކްޓްވުމުގެ ސަބަބުން ހުރިހާ ލިޔެކިޔުންތަކާއެކު އަލުން ދެވަނަ ފަހަރަށް ވެސް ޗުއްޓީއަށް އެދި ހުށަހެޅިކަމުން، އެފަރާތުގެ ނިޔަތަކީ ފިލައިގެން އުޅުން ނޫންކަން ވަރަށް ސާފެވެ."
ފަނޑިޔާރު ވިދާޅުވީ ޑިސިޕިލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަބަދުދިނުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ފުލުހުންގެ އިސްތިއުނާފް ބޯޑަށް ވަކީލަކާއެކު ޖަވާބުދާރީވުމުގެ ފުރުސަތު ތުހުމަތުވާ ފަރާތަށް ލިބިދޭން ޖެހެއެވެ. މި މައްސަލައިގައި ވަކީލަކާއެކު ހުސައިން އަލީމަނިކު ޖަވާބުދާރީވުމަށް ދާން ޖެހޭ ދުވަހު ވަކީލުގެ އެހެން ޝަރީއަތަކަށް ކޯޓަށް ދާން ޖެހޭތީ، ޖަވާބުދާރީވުމަށް ދާންޖެހޭ ދުވަސް ފަސްކޮށް ދިނުމަށް އެދުނު ނަމަވެސް އެކަމަށް ޖަވާބުނުދީ ވަކީލުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލްގެ އެ ރައުޔަށް ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވަނީ ތާއީދުކުރައްވައިފައެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަނޑިޔާރު ފައިސަލް އެ މައްސަލައިގައި ކުރެއްވި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކުރުމާއެކު ހުސައިން އަލީހުސައިން، ފުލުހުންގެ މުއައްސަސާގައި އަދާކުރަމުންދިޔަ ސްޓާފް ސާޖެންޓުގެ މަގާމުން ވަކިކުރުމަށް ޑިސިޕިލިނަރީ ބޯޑުން ނިންމާފައިވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދާހިލާފަށް ކަމަށްވާތީ އެއީ ބާތިލު ނިންމުމެއް ކަމަށެވެ.
އަދި ހުސައިން އަލީމަނިކަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި ވަޒީފާގައި ދެމިހުރިނަމަ ލިބެންޖެހޭ މަގާމުގެ ކުރިއެރުންތަކާއި ވަޒީފާ އަނބުރާ ރުޖޫއަކޮށް، ހުސައިން އަލީމަނިކު ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކުން އެއް އަހަރުގެ ދުވަހަށްވާ ފައިސާ އޭނާއަށް ލިބިދިނުމަށްޓަކައި، އެ ފައިސާ ސިވިލް ކޯޓަށް ޖަމާކުރުމާއެކު، ސަރުކާރު ބަންދުނޫން ހަތް ދުވަހުގެ ތެރޭގައި އެކަން ހަމަޖެއްސިގޮތް ސިވިލް ކޯޓަށް އެންގުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށް، ހުކުމްކުރިއެވެ.