ޚަބަރު

ރައީސް މުއިއްޒަށް މަރުހަބާ ކިއުމަށް ދިއްލީގެ މަގުތަކުގައި ދިވެހި ދިދަ ޖަހައި ޒީނަތްތެރިކޮށްފި

2

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޑިއާ އިން މަރުހަބާ ކިއުމަށް އެ ގައުމުގެ ވެރިރަށް ނިއު ދިއްލީގެ މަގުތަކުގައި ދިވެހި ދިދަ ޖަހައި ޒީނަތްތެރިކޮށްފިއެވެ.

ދިއްލީގެ މަގުތައް ޒީނަތްތެރިކޮށްފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގަންނަވާނީ މާދަމާއެވެ. އެނބުރި ރާއްޖެ ވަދައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސްގެ އެ ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމު އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާ ކުރައްވާނެ އެވެ.

އެ ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާއިރު އެ ދަތުރުފުޅުގައި ދިވެހި ވަފުދުގެ މެހެމާންދާރީގެ ހުރިހާ ކަންކަންވެސް ހަމަޖައްސަވައިދޭނީ އިންޑިއާ ސަރުކާރުގެ ފަރާތުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ރައީސް ވަނީ މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މަގާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ދަތުރުފުޅެއް ކުރައްވައިފައެވެ.

މީގެ އިތުރުން ރައީސް ވަނީ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ "ކޮޕް-28" ގެ ހަވާސާގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ބޮޑު ވަޒީރާ ވެސް ބައްދަލުކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟