ޚަބަރު

ކޮރެއާ ކުންފުންޏަކަށް 3.3 މިލިއަން ޑޮލަރު ދޭން އެފްއޭއެމް އަށް ކޯޓުން އަމުރުކޮށްފި

އިބްރާހިމް ޒަކީ

ކޮރެއާގެ ކުންފުންޏަކަށް އެއްމަސް ދުވަހުގެ ތެރޭގައި 3.3 މިލިއަން ޑޮލަރު ދޭން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

މިއީ ކޮރެއާގައި ރަޖިސްޓްރީ ކޮށްފައިވާ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑާއި އެފްއޭއެމްއާ ދެމެދު 20 މާޗް 2021 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ވިލިމާލެއާއި ހުޅުމާލޭގައި ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުތަކެއްގެ މަސައްކަތުގެ އަގު ދީފައިނުވާތީ އެފްއޭއެމްއާ ދެކޮޅަށް އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ކޮރެއާ ކުންފުނިން ކޯޓުގައި ބުނެފައިވަނީ އެ ފަރާތުން ކޮށްފައިވާ އެކި މަސައްކަތުގެ އަގުގެ ގޮތުގައި 1.1 މިލިއަން ޑޮލަރާއި 1.9 މިލިއަން ޑޮލަރުގެ އިތުރުން ހުޅުމާލެ ރިކޮންސްޓްރަކްޝަން މަސައްކަތުގެ އަގަށްވާ 122،000 ޑޮލަރާއި ރިކުއަމެންޓަށް ބަދަލުގެނައުމުގެ އަގަށްވާ 122،000 ޑޮލަރާއެކު ޖުމުލަ 3.3 މިލިއަން ޑޮލަރު އެއްބަސްވުމުގެ ދަށުން އެފްއޭއެމް އިން އެ ފަރާތަށް ދޭންޖެހޭ ކަމަށެވެ.

އެ ފައިސާ ނުދެއްކުމުގެ ސަބަބުން މާލީގޮތުން ވެފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، އެފްއޭއެމް އަށް ލީގަލް ނޯޓިސް ފޮނުވި ތާރީހު ކަމަށްވާ 28 ފެބްރުއަރީ 2023 އިން ފެށިގެން ކޮންމެ މަހަކަށްވާ ޖުމުލަ އަގުގެ ހަ ޕަސެންޓަށްވާ 202،920 ޑޮލަރުގެ އަގުގެ 10 މަސް ދުވަހަށްވާ ދެ މިލިއަން ޑޮލަރާއި ލީގަލް ފީގެ ގޮތުގައި ހަރަދު ކުރަންޖެހުނު 500،000 ޑޮލަރާއެކު ޖުމުލަ 5.9 މިލިއަން ޑޮލަރު އެފްއޭއެމް އިން ދޭންޖެހޭ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ، އެ ފައިސާ ދެއްކުމަށް އެދުނު ލުއިތައް އެފްއޭއެމް އަށް ދިން ނަމަވެސް އެއާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނިން ސިވިލް ކޯޓުގައި އެދުނީ އެ ފައިސާ އެކީ އެއްފަހަރާ އެފްއޭއެމްގެ ފަރާތުން އެ ނަގައިދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ބުނެފައިވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހޯދަން އެދިފައިވާއިރު، ދެ ފަރާތުންގެ އެއްބަސްވުމުގައި ގެއްލުމުގެ ބަދަލުގެ ވާހަކަ ނެތް ކަމަށެވެ. އެހެންކަމުން އެ ފައިސާ ނަގައިދެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ. އަދި ލީގަލް ފީގެ ގޮތުގައި 500،000 ޑޮލަރު ހޯދަން ހުށަހަޅާފައިވާއިރު، އެއީ އެކަށީގެންވާ ހާލަތެއްގައި ކުރި ހަރަދެއްތޯއާއި އެ ހަރަދުގެ އަދަދުތަކަކީ މުނާސަބު އަދަދުތަކެއްކަން އެނގޭފަދަ ތަފުސީލެއް ހުށަހަޅާފައި ނުވާތީ އެ ފައިސާ ނަގައިދެވެން ނެތް ކަަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ފުޓްބޯޅަ ދަނޑުތަކުގެ އަގުގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ 1.1 މިލިއަން ޑޮލަރާއި 1.9 މިލިއަން ޑޮލަރުގެ އިތުރުން ހުޅުމާލެ ރިކޮންސްޓްރަކްޝަން މަސައްކަތުގެ އަގަށްވާ 122،000 ޑޮލަރާއި ރިއުއަމެންޓަށް ބަދަލު ގެނައުމުގެ އަގަށްވާ 122،000 ޑޮލަރާއެކު ޖުމުލަ 3.3 މިލިއަން ޑޮލަރަކީ އެ ކުންފުންނަށް އެފްއޭއެމް އިން ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.

އެހެންކަމުން އެ ފައިސާ އެ ކުންފުންނަށް ލިބިދިނުމުގެ ގޮތުން، މި މައްސަލައިގައި ހުކުމްކުރި ދުވަސް ކަމަށްވާ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ކޯޓުން ވަނީ އެފްއޭއެމްއަށް އަމުރުކޮށްފައެވެ.