ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ގަބުޅި ފޮޅި އަކީ ވެސް ދިވެހިންނަށް ވަރަށް ކަމުދާ އެއްޗެކެވެ.
ބޭނުންވާ ތަކެތި:
2 ޖޯޑު ގަބުޅި ހުނި
1/2 ޖޯޑު ހަނޑުލު ފުށް (ހިމުންކޮށް ފުނޑާފައި)
2 ސައިސަމުސާ ގޮދަންފުށް
1/2 ޖޯޑު ހަކުރު
4 ބިސް
1/2 ޖޯޑު މާފެން
1/2 ޖޯޑު ފެން
ތައްޔާރުކުރާނެ ގޮތް:
ގަބުޅި ހުނި، ހަކުރު މިކްސަރުން ހިމުންކޮށް ގިރާލުމަށްފަހު ހަނޑުލު ފުށް، ބިސް، ގޮދަންފުށް، ފެން، އަޅައިގެން މިކްސަރުން ރަގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މާފެން އެޅުމަށްފަހު ރަހަ ހެޔޮވަރުކުރާށެވެ. ފުށްގަނޑު ބަހައްޓާނީ ފޮޅި ފިހާ މިނަށެވެ. ފުށްގަނޑު ތައްޔާރުކުރުމަށްފަހު ތަވާގައި މާޖިރިން ނުވަތަ ބަޓަރުކޮޅެއް އުނގުޅައިލުމަށްފަހު، ފަހަރަކު ފޮޅިއެއް ފިހާށެވެ.