ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. ދިވެހި އަންހެނުންނަކީ ތަފާތު އީޖާދުތައްކޮށްގެން ތަފާތު ބާވަތްތަކުގެ ކެއުން ތައްޔާރުކުރަން ކުޅަދާނަ ބައެކެވެ.
އެގޮތުން މަސްގުޅަ ރިހައަކީވެސް ވަރަށް މަޝްހޫރު މީރު ރިހައެކެވެ. މިއީ ޚާއްސަކޮށް ރަށްފުށުގެ އަންހެންވެރިން ވަރަށް މީރުކޮށް ތައްޔާރުކޮށްލާ ރިހައެކެވެ.
މަސްގުޅައަށް ބޭނުންވާ ތަކެތި:
1 ކިބަ ރޯމަސް (ހިމުންކޮށްފައި) ފަރު މަސްވެސް ބޭނުންކުރެވިދާނެއެވެ.
2 ފިޔާ
1 އިންޗި އިނގުރު
3 ލޮނުމެދު
1 ސައިސަމުސާ ތެޅި މިރުސް
1 ސަމުސާ ލޮނު
ހިކަނދިފަތް
މަސްކޮޅު ފިޔަވައި އެހެން ހުރިހާ އެއްޗެއް މިކްސަރަށް އަޅައި ހިމުންކޮށްލާށެވެ. ހިމުންކުރި ހަވާދުކޮޅު މަސްއެތި ތެރެއަށް އަޅައި ރަނގަޅަށް މޮޑެފައި ކުދިކޮށް ގުޅަ ހަދާށެވެ. ގުޅަތައް ކުޑަކޮށް ރަތްވެލަންދެން ތެލުލާށެވެ.
ރިހައަށް ބޭނުންވާ ތަކެތި:
1 ސައިސަމުސާ ތެޅިމިރުސް
1 މޭޒުމަތީ ސަމުސާ މުގުރި ކޮތަންބިރި
1/2 ސަމުސާ ދިރި
4 ސައިސަމުސާ ދިވެހި ހަވާދު
2 ފިޔާ
2 ލޮނުމެދު
1 އިންޗި އިނގުރު
2 ރޯމިރުސް
2 ޓޮމާޓޯ
1 އިންޗި ފޮނިތޮށި
3 ކާފޫރު ތޮޅި
1 ގިތެޔޮ މިރުސް
1 ޖޯޑު ބޯކިރު
2 ޖޯޑު ފެންކިރު
3 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
ހިކަނދިފަތް، ރާނބާފަތް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފިޔާ ހިކަނދިފަތް، ރާނބާފަތް، ގިތެޔޮ މިރުސް މާޖިރިން ކޮޅެއްގައި ވަޅޯކޮށްލާށެވެ. ދެން ބޯކިރުކޮޅުގެ ތެރޭގައި ފިޔާކޮޅު ބަހައްޓާށެވެ. އެއަށްފަހު ތެޅިމިރުސް، ދިވެހި ހަވާދު، ލޮނުމެދު، އިނގުރު، މިކްސަރުން ރަގަޅަށް ހިމުންކޮށްލާށެވެ. ހަވާދުކޮޅު ހިމުން ވުމުން ތެލިތެރެއަށް ޓޮމާޓޯ (ހަތަރު ފަޅިކޮށްފައި) ފެންކިރާއެކު ގުޅަތައް އަޅައިގެން ކަށްކާށެވެ. ފަސް ވަރަކަށް މިނެޓްވަންދެން ކެއްކުމަށްފަހު ޓޮމާޓޯ ޕޭސްޓް އަޅައި، ރަހަ ހެޔޮވަރުކުރާށެވެ. އެއަށްފަހު ފިޔާކޮޅާއެކު ބޯކިރުކޮޅު އަޅައި މަޑުގިނީގައި ކައްކާލުމަށްފަހު ބާލާށެވެ. ބޯކިރު އެޅުމަށްފަހު ގަދައަށް ނުކައްކާށެވެ. މިއީ ކޮންމެ އެއްޗަކާއެކުވެސް ކާލަން މީރު ރިހައެކެވެ. މިއީ ހައްދުންމަތީގައި ވަރަށް އާންމު ރިހައެކެވެ. ހައްދުންމަތީ މީހުން މި ރިހައަށް ކިޔަނީ ގޮޅަ ރިހައެވެ. ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް މިރިހަ ވަރަށް މީރުކޮށް ކައްކައެވެ.