ލީގުގެ ފަހު މެޗުގައި އެއިންޓްރެޗް ފްރެންކްފާޓް ބަލިކޮށް، ވިދިވިދިގެން ހަތްވަނަ ފަހަރަށް ބަޔާން މިއުނިކުން ޖަރުމަން ބުންޑަސްލީގާ ކާމިޔާބުކޮށްފިއެވެ.
ބަޔާންގެ ކޯޗު ނިކޯ ކޮވަޗް ކުރިން އިރުޝާދުދިން ފްރެކްފާޓްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ.
އެ މޮޅާއެކު ބަޔާނަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. ދެވަނައިގައި ނިންމާލި ބޮރޫޝިއާ ޑޯޓްމަންޑަށް 76 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި ރެޑްބުލް ލެއިޕްޒިގަށް ލިބިފައިވަނީ 66 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި ނިންމާލި ބަޔާން ލެވަކޫސަންއަށް ލިބިފައިވަނީ 58 ޕޮއިންޓެވެ.
މިރޭ ކުޅުނު މެޗު ފެށިތާ ހަތަރު މިނެޓު ތެރޭ ބަޔާނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ތޯމަސް މުލާ ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.
މެޗުގެ 50 ވަނަ މިނެޓުގައި ސަބެސްޓިއަން ހޯލާ، ފްރެންކްފާޓަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އެ ލަނޑު ޖެހިތާ ތިން މިނެޓު ތެރޭ ބަޔާނުން ވަނީ އަލުން ލީޑު ހޯދައިފައެވެ. ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑޭވިޑް އަލަބާއެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ބަޔާނުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. ކޯމަން ދިން ބޯޅައަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރެނޭޓޯ ސަންޗޭޒެވެ.
މެޗުގައި ބަޔާނުން ޖެހި ފަހު ދެ ލަނޑު ކާމިޔާބުކޮށްދިނީ އެ ކްލަބުގައި ގިނަ ދުވަސްތަކެއް ހޭދަކުރި ފްރޭންކް ރިބަރީއާއި އާރްޔަން ރޮބެންއެވެ. މެޗުގެ 72 ވަނަ މިނެޓުގައި ރިބަރީގެ ލަނޑު ފެނިގެންދިޔަ އިރު، ރޮބެންގެ ލަނޑު ފެނިގެންދިޔައީ 78 ވަނަ މިނެޓުގައެވެ.
ބަޔާނަކީ ޖަރުމަން ބުންޑަސްލީގާގެ އެންމެ ކާމިޔާބު ކްލަބެވެ. މިސީޒަނުގެ ކާމިޔާބީއާއެކު އެ ކްލަބުން ވަނީ 29 ފަހަރު ބުންޑަސްލީގާގެ ޗެމްޕިއަންކަން ހޯދައިފައެވެ. ބަޔާނުން އަންނަނީ 2013 އިން ފެށިގެން ކޮންމެ އަހަރަކުވެސް ބުންޑަސްލީގާގެ ޗެމްޕިއަންކަން ހޯދަމުންނެވެ.