ކްރިސްޓިއާނޯ ރޮނާލްޑޯއާއި ދެކޮޅަށް ކޮށްފައިވާ ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގިކަމަށް ބުނާ ތުހުމަތާއި ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން، ވަކީލުންނަށް މި މައްސަލައިގައި އިތުބާރު އެބައޮތް ކަމަށާއި، ތެދު ހަޤީޤަތް ވަރަށް އަވަހަށް ހާމަވާނެކަމަށް އޭނާ ބުނެފިއެވެ.
އަހަރެން ކުޅެނީ ބޮޑު ކުލަބަކަށް. މޮޅު ކުލަބަކަށް. އަހަރެންގެ ލޯބިވާ އާއިލާއެއް އެބައޮތް. ލޯބި ހަތަރު ދަރިން ތިބޭ. އަހަންނަކީ ރަނގަޅު ސިއްޙަތެއްގައި ހުރި މީހެއް. އަހަރެންގެ އަތުގައި ހުރިހާ އެއްޗެއް އެބަހުރި. ދެން ބާކީ ހުރި ކަންކަމަކީ އަހަންނާ ބެހޭކަމެއް ނޫން.ކްރިސްޓިއާނޯ ރޮނާލްޑޯ
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިރޭ ކުރީގެ ކްލަބު މެންޗެސްޓާރ ޔުނައިޓެޑާ ދެކޮޅަށް ޔުވެންޓަސްގެ ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯ ނިކުތުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ ބުނެފައިވަނީ، އޭނާއަކީ އަބަދުވެސް ހިނިތުންވެފައި ހުންނަ މީހެއްކަމަށާއި، އޭނާ އުޅެނީ ވަރަށް އުފަލުގައި ކަމަށެވެ. އަދި އޭނާ އަކީ ދަނޑު މަތީގައާއި ދަނޑުން ބޭރުގައިވެސް އެހެންމީހުންނަށް ހުންނަ މިސާލެއްކަމަށް ބުނެފައިވެއެވެ.
ރޮނާލްޑޯގެ މައްޗަށް ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގި ކަމަށް ތުހުމަތު ކޮށްފައިވަނީ 2009 ވަނަ އަހަރު އެމެރިކާގެ ލާސް ވޭގަސްގެ ހޮޓަލެއްގައި ކެތްރީން މަޔޮރްގާ ނަމަކަށް ކިޔާ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައެވެ.
ރޮނާލްޑޯ ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އޭނާ ދޮގުހަދަން ބޭނުން ނުވާ ކަމަށާއި، އޭނާ ހުރީ އުފަލުން ކަމަށާއި، އޭނާގެ ވަކީލުންނާއި އޭނާއަށް އިތުބާރު އެބައޮތް ކަމަށެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ޖަރުމަނުގެ ނޫހެއްގައި މިވާހަކަ ޝާއިޢުކުރުމުންނެވެ. ނަމަވެސް، 2010 ވަނަ އަހަރު ހަމަ އެ ނޫހުގައި އެ މައްސަލައިގައި ހިމެނޭ އަންހެންމީހާ އާއި ރޮނާލްޑޯ އާއި ދެމެދުން ކޯޓުން ބޭރުގައި ވަނީ އެއްބަސްވުމަކަށް އައިސްފައިވާކަމަށް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެ އަންހެންމީހާއަށް -/3،75،000 (ތިން ލައްކަ ހަތްދިހަ ފަސްހާސް) އެމެރިކާ ޑޮލަރު ދޭން ރޮނާލްޑޯގެ ފަރާތުން އެއްބަސްވެފައި ވާކަމަށް ބުނެފައިވެއެވެ. ނަމަވެސް، ފަހުން އެ އަންހެންމީހާގެ ވަކީލުން ބުނެފައިވަނީ އެ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއް ކަމަށެވެ. އަދި ރޮނާލްޑޯގެ ވަކީލުން ބުނެފައިވަނީ އެ އެއްބަސްވުމަކީ ރޮނާލްޑޯ ކުށެއް ކުރިކަމަށް އިޢުތިރާފް ވީ ނޫންކަމަށެވެ.
2009 ވަނަ އަހަރު ވޭގަސްގެ ޕޮލިހުން އެ މައްސަލަ ތަހުޤީޤު ކުރިމަކަށް ބުނެފައިވާއިރު، އޭރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއް ނެތްކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް، މި މަހު އަލުން އެ މައްސަލަ އަލުން ހުޅުވައި ތަހުޤީޤު ކުރަމުން ދާކަމަށް ބުނެފައިވެއެވެ.
މި މައްސަލައިގައި ރޮނާލްޑޯ ކުރިން ބުނެފައިވަނީ، މިއީ ބަޔަކު ރާވައިގެން އޭނާ ބަދުނާމު ކުރަން ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށާއި، މި މައްސަލައިގައި އެބުނާ ލިޔުންތަކަކީ ހަދައިގެން އުޅޭ ލިޔުންތަކެއް ކަމަށެވެ.
ޔުނައިޓެޑާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:00 ގައެވެ.