ކްރިސްޓިއާނޯ ރޮނާލްޑޯ

"ދުނިޔޭގެ އެއްވަނައަށް ވުން މުހިއްމެއް ނޫން، ރެކޯޑަކާވެސް އަޅައެއް ނުލަން"

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަކީ މިހާރު މާ ބޮޑަށް ސަމާލުކަމެއް ދޭ ކަމެއް ނޫން ކަމަށާއި ރެކޯޑުތައް ހެދުމަށް ވެސް މާ ބޮޑަށް ނުވިސްނާ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އުމުުރުން 39 އަހަރުގެ ރޮނާލްޑޯ މިވަގުތު ކުޅެމުންދަނީ ސައުދީ އަރަބިއާ ލީގުގެ އަލް ނަސްރަށެވެ. ރޮނާލްޑޯ ޔޫރަޕްގައި ހޭދަކުރި ކެރިއަރުގެ ބޮޑުބައެއްގައި ބެލޮންޑިއޯވެސް ފަސް ފަހަރު ހޯދާފައިވާ އިރު، އޭނާއަކީ ދުނިޔޭ ތާރީހުގައި ވެސް ކެރިއަރުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށްވެސް މިހާތަނަށް ރެކޯޑު 132 ގޯލު ރޮނާލްޑޯ ޖަހައިދީފައިވާ އިރު، އޭނާ ވަނީ ކެރިއަރުގައި 900 އަށްވުރެ ގިނަ ގޯލު ޖަހައިފައެވެ.

"މިހާރު އަހަންނަށް މުހިއްމެއް ނޫން އަހަންނަކީ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމެއް. އަހަރެން އެކަމާ މިހާރު އަޅައެއް ނުލަން،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯއާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ވާދަވެރިކަމަކީ މިހާތަނަށް ފުޓުބޯޅައިގައި ފެނުނު އެންމެ ބޮޑު ވާދަވެރިކަމެވެ. މެސީ ރެކޯޑު އަށް ބެލޮންޑިއޯ ހޯދައި، ދާދިފަހުން ވޯލްޑް ކަޕެއްވެސް ކާމިޔާބު ކޮށްފައިވާ އިރު، ގިނަ ބައެއްގެ ނަޒަރުގައި މިހާރު މެސީ ވަނީ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާކަން ސާބިތުކޮށްދީ ޔަގީންކޮށްދީފައެވެ.

"ކުޅުންތެރިޔަކަށް ގޯލު ޖެހުން އެއީ މުހިއްމު ކަމެއް. އެހެންވިޔަސް އަހަންނަށް މިހާރު މުހިއްމީ ޓީމު މޮޅުވުން. އަހަންނަކީ ރެކޯޑުތައް މުގުރުމަށް ސަމާލުކަން ދޭ މީހެއް ނަމަވެސް، މިހާރު އަހަރެން އެކަމަކާ ވެސް އަޅައެއް ނުލަން. އަހަރެން މިހާރު ބޭނުންވަނީ އަލް ނަސްރާއި ޓީމު މޮޅުވުން،" ރޮނާލްޑޯ ބުންޏެވެ.

މިދިޔަ ސީޒަނުގައި ރޮނާލްޑޯ ވަނީ އަލް ނަސްރަށް 35 ގޯލު ޖަހައިދީފައެވެ. އެއީ ސައުދީ ތާރީހުގައިވެސް އެއް ސީޒަނެއްގައި އެންމެ ގިނައިން ގޯލު ޖެހި ކުޅުންތެރިޔާއެވެ.