ރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން ގަދަރުވެރި، ހިދުމަތްތެރި، ޝަހުސިއްޔަތެއް ކަމަށްވާ އަބްދުލްމަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހަމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އަބްދުލްމަޖީދު މާހިރު އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަބްދުލްމަޖީދު މާހިރު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
"މަރުހޫމް އަބްދުއްމަޖީދު މާހިރުގެ އާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރުކުރައްވާށިއެވެ. އަދި ސުވަރުގޭގެ މަތިވެރި ނިއުމަތާއި ރަހުމަތުގައި މަރުހޫމް ލަހައްޓަވާށިއެވެ. އާމީން" ރައީސް ވިދާޅުވިއެވެ.
އަބްދުލްމަޖީދު މާހިރަކީ، މާލޭ މުނިސިޕަލް ކައުންސިލުގެ ރައީސްކަމުގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އަބްދުލްމަޖީދު މާހިރަކީ ދިވެހި ބޭސްވެރި ހާކީމެއްގެ އިތުރުން ދިވެހި ތާރީހާއި އާދަކާދައިގެ އެތައް މައުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވައި، ގައުމަށް ހިދުމަތްތެރި އިލްމީ ގާބިލު ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބޭފުޅެކެވެ.