ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދި ހުށަހެޅޭނެ ޕްރޮޖެކްޓެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތައާރަފުކޮށްފިއެވެ.
ބީއެމްއެލުން ބުނީ، އެ ޕްރޮޖެކްޓަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖުކުރުމަށް ހިންގާ މަޝްރޫއޫތަކަށް އެހީތެރިވުމުގެ ގޮތުން ތައާރަފުކުރި ޕްރޮޖެކްޓެއް ކަމަށެެވެ.
ކުނި މެނޭޖްކުރުމުގައި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މާހައުލެއް ހޯދައިދިނުމަށް ހިންގާ އެ ޕްރޮޖެކްޓުގެ ދަށުން ކުނި މެނޭޖްކުރާ ފެސިލިޓީތަކަށް ބޭނުންވާ އަލާތްތައް ހޯދުމަށް މާލީ އެހީ ދޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ، އެ ޕްރޮޖެކްޓުގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ހަމައެކަނި މަދަނީ ޖަމިއްޔާތަކަށް ކަމަށެވެ. ޖަމިއްޔާތަކުން އީމެއިލް މެދުވެރިކޮށް [email protected] އަށް މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުށަހަޅަންވާނެ ކަމަށްވެސް ބުންޏެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އިފް ދަ ބޭންކް، އާއިޝަތު ނޫރައްދީން ވިދާޅުވީ އެ ޕްރޮޖެކްޓުން ދައްކައިދެނީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލުން ކުރަމުން އަންނަ މުހިންމު މަސައްކަތް ކަމަށެވެ.
"ތިމާވެށްޓަކީ ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މުޖުތަމައަށް އެހީ ފޯރުކޮށްދޭ މައިގަނޑު އެއް ދާއިރާވެސް މެ. އަޅުގަނޑުމެން ވަރަށް ޝައުގުވެރިވޭ މި ޕްރޮޖެކްޓު މެދުވެރިކޮށް މަދަނީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރަން. މިއީ ހަމައެކަނި ކުނި މެނޭޖްކުރުމުގެ ހައްލުތައް ހޯދައިދިނުމުގެ އިތުރުން މިހާރު ހުރި ނިޒާމުތައް އިތުރަށް ތަރައްގީކޮށް ރާއްޖެއަށް ސާފު އަދި ފެހި މުސްތަގުބަލެއް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއްވެސްމެ." އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ތަރައްގީ ހޯދައިދިނުމާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މިފަދަ މަޝްރޫއުތައް މެދުވެރިކޮށް ބީއެމްއެލުން އަންނަނީ މުޖުތަމައަށް އެހީތެރިވަމުންނެވެ.