ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދާރުލް އާސާރުތައް ހެދުމަށް ޕްލޭންތަކެއް ހަދައި، މިހާރު މަޝްވަރާތައް ކުރަމުންދާކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޔުމްނާ މިފަދައިން ވިދާޅުވީ ބައިނަލް އަގުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައެވެ.
މިނިސްޓަރު ދެއްވި ޚިތޯބުގައި ވިދާޅުވީ ދާރުލްއާސާރުގެ އެކިއެކި ގޮފިތައް ހުޅުވި، ސަރަޙައްދީ ދާރުލްއާސާރުތަކާއި އަމިއްލަ ދާރުލްއާސާރުތައް ހުޅުވިގެންދިއުމަކީ ދިވެހިންގެ ޒަމާންވީ ތާރީހާއި ތަރިކަ އާއި ސަގާފަތާ މެދު ދިވެހިންގެ ހިތްތަކުގައި ފަހުރުވެރިކަން އުފެދޭނޭ ކަމެއް ކަމަށެވެ.
އަދި މިއީ ކާބަފައިން ދިވެހިންނާއި ހަވާލުކުރައްވާފައިވާ އަގުބޮޑު އަމާނާތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ތަކެތި ރައްކާތެރިކޮށް ދަމަހައްޓައި އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ.
ދާރުލްއާސާރަކީ އެ މުޖުތަމައެއްގެ އަހުލުވެރިންނާއި ދިރާސާކުރާ ފަރާތްތަކާއި ޒުވާނުންނާއި އަދި ކިޔަވާކުދިންގެ އިތުރުން ފަތުރުވެރިންނަށް އެ މުޖުތަމައުއެއްގެ ތާރީހާއި ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައާއި ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ބިނާއެއް ކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
އެހެންކަމުން ދާރުލްއާސާރުތަކަކީ ގައުމެއްގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ތަންތަން ކަމަށް ޔުމްނާގެ ހިތާބުގައިވެއެވެ.
އަދި ދާރުލްއާސާރުތައް ތަރައްގީކޮށް އެތަން މުއްސަނދިކުރުން ވެގެންދާނީ ރާއްޖޭގައި، ކުރިއަރާ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް މާލީ މަންފާތަކެއް ލިބި އިގްތިސޯދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ޔުމްނާގެ ހިތާބުގައިވެއެވެ.
ރާއްޖޭގައި ފުރަތަމަ ގައުމީ ދާރުލްއާސާރެއް ހުޅުވާފައިވަނީ 1952 ނޮވެންބަރު 19ގައި އޭރުގެ ވަޒީރުލްއައުޒަމް މުހައްމަދު އަމީނެވެ.
މިހާރު ދާރުލް އާސާރު އެހުރި އިމާރާތުގެ ބިންގާ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަޅުއްވައި ދެއްވިއިރު، އެތަން ހުޅުވައި ބޭނުން ކުރަން ފަށާފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުގެ ޖުލައި 26 ގައެވެ.
އެތަނަކީ ރާއްޖޭގެ ތާރީހާއި ތަރިކަ އާއި ސަގާފަތާ ބެހޭގޮތުން ބޭނުންވާ ހުރިހައި މައުލޫމާތެއް ލިބޭ ތަނެކެވެ.
އެންމެ އެވޭލާ ޒަމާނުގެ ތާރީހުން ފެށިގެން، ރާއްޖެ އަށް އަންނަމުންދިޔަ ބަދަލުތަކާއި، ތަރައްގީގެ މަރުހަލާތަކާއި، ރަސްރަސްކަލުންގެ ރަސްކަމުގެ ދައުރުތައް އަދި ރާއްޖެ ފާހަގަކޮށްފައިވާ އެންމެ ހާއްސަ ކަންތައްތަކުގެ މަޢުލޫމާތު އެތަނުން ލިބެއެވެ.
މި އަހަރުގެ ދާރުލްއާސާރު ދުވަހުގެ ޝިޢާރަކީ "ދާރުލްއާސާރުތަކަކީ ސަގާފަތުގެ ނާރެސް – އާދަކާދައިގެ ކުރިމަގު" އެވެ. މި ޝިއާރުން ބާރުއަޅަނީ ދާރުލްއާސާރުތަކުގެ ބަދަލުވަމުންދާ ތަސައްވުރަށެވެ.
ނަވާރަސަތޭކަ ހަތްދިހަ ހަތަކުންފެށިގެން ކޮންމެ އަހަރެއްގެ މެއި މަހުގެ 18 ވަނަ ދުވަހަކީ ގައުމީ ދާރުލްއާސާރު ދުވަހެވެ.