ޚަބަރު

ބީއެމްއެލްއިން ދިން ދެ މިލިއަން ރުފިޔާގެ އެހީ އާއެކު ދާރުލްއާސާރު ތަރައްގީކޮށް މާދަމާ އަލުން ހުޅުވަނީ

ފަތިމަތު ލިއުޝާ

ބީއެމްއެލްއިން ދިން ދެ މިލިއަން ރުފިޔާގެ ހިލޭ އެހީ އާއެކު ދާރުލްއާސާރު ތަރައްގީކޮށް ނިންމައި، މާދަމާ އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ދާރުލްއާސާރުގައި ހުންނަވައި "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ޔުމްނާ ވިދާޅުވީ، މާދަމާ އަލުން މިއުޒިއަމް ހުޅުވާލާއިރު، އެތަނުން މީގެ ކުރީން ނުފެންނަ އާ އެއްޗެހި ދައްކާލަން ބަހައްޓާފައި ހުންނާނެ ކަމަށެވެ.

"މިއީ ދުނިޔޭގެ އެހެން މައުރަޒުތަކާއި އެއް ފެންވަރަށް ގެންދިއުމުގެ ފުރަތަމަ މަރުހަލާ. މިއުޒިއަމްއަށް ޒިޔާރަތް ކުރާ މީހުންނަށް މައުލޫމާތު އިތުރަށް ދެވޭނެ ގޮތްތަކެއް ހޯދަމުން މި ދަނީ. މި ކަހަލަ ތަކެއްޗަކީ ވަކި ފިނިހޫނު މިނެއްގައި ބަހައްޓަންޖެހޭ ތަކެތި ކަމަށްވުމާ އެކު އޭސީތަކުގައިވެސް މައްސަލަ ޖެހިގެން ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ މިހާރު އޭސިތައްވެސް ބަދަލުކޮށްގެން މި ފަހަރު މި ހުޅުވާލަނީ،" ޔުމްނާ ވިދާޅުވިއެވެ

ދާރުލްއާސާރު ތަރައްގީކުރުމަށް ބީއެމްއެލް އިން އެހީ ދިނީ، މިދިޔަ ނޮވެމްބަރު މަހު ފާހަގަކުރި އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގި މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިންނެވެ.

އެ އެހީގެ ދަށުން ދާރުލްއާސާރުގައި ކުރިން ބަހައްޓާފައި ނުވާ އާސާރީ ތަކެތި ރައްކާތެރިކޮށް، ދައްކާލަން ބަހައްޓާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގައި އެންމެ ފުރަތަމަ ބެހެއްޓި އޭޓީއެމް ހިމެނެއެވެ.

އޭގެ އިތުރުން ސްކޫލް ދަރިވަރުންނާއި ދާރުލްއާސާރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީހާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ހާއްސަ މަލްޓިމީޑިއާ ރޫމެއްވެސް ވަނީ ހަދައިފައެވެ.