ޚަބަރު

މިފްކޯގެ "ރަސްއައިން" ބްރޭންޑު އުފެއްދުމަށް އާންމުންނަށް ހުޅުވާލައިފި

މިފްކޯގެ ސީއެސްއާރުގެ ދަށުން "ރަސްއައިން" ގެ ބްރޭންޑު އުފެއްދުމަށް އާންމުންނަށް ހުޅުވާލައިފިއެވެ.

މިފްކޯ އިން ކުރި އިއުލާނެއްގައި ބުނީ އެކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ "ރަސްއައިން" ގެ ބާވަތްތައް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަހުގެ ބާވަތްތައް އުފައްދާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދިނުން،" މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން ބުނީ "ރަސްއައިން" ޕްރޮޑަކްޓުގެ ތެރޭގައި ހިމެނެނީ މަހުން އުފައްދާ، އަގު އެއްކުރެވިފައިވާ ދިވެހި ކާނާގެ ބާވަތްތައް ކަމަށާއި އޭގެ ތެރޭގައި އަތުޖެހި، ހަނޑުލު ގުޅަ، ކުޅި ކާޖާ އަދި ތެލުލި ބަޖިޔާ ފަދަ ބާވަތްތައް ހިމެނޭ ކަމަށެވެ. އޭގެ އިތުރުންވެސް މިފްކޯގެ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގިނަ ދުވަހަށް ތާޒާކަންމަތީ ބެހެއްޓޭނެ އެފަދަ ކާބޯތަކެތި ތައްޔާރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް ޖެނެރަލް މެނޭޖަރު އައިމިނަތު ސަނިއްޔާ ޝަރީފް ވިދާޅުވީ ކުރިން އެ ޕްރޮގްރާމު މެދުކަނޑާލަން ޖެހުނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކަމަށާއި އޭރު މައިގަނޑު ގޮތެއްގައި ޅ. ހިންނަވަރާއި އެ އަތޮޅު ނައިފަރުގެ އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ، އަދި މިފަހަރުގެ އަމާޒަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެކި އަތޮޅުތަކުން ވެސް އެ ޕްރޮގްރާމުގައި ބައިވެރިކުރުވުމަށް ބާރުއެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މަސައްކަތް އަޅުގަނޑުމެން އަލުން މި ފަށަނީ. އިރާދަކުރެއްވިއްޔާ މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރަނގަޅު ފެންވަރެއްގެ ޕްރޮޑަކްޓް ރޭންޖަކަށް މިކަން ގެންދާނަން. މިސާލަކަށް ހޮވޭ ބޭފުޅުންނަށް އަޅުގަނޑުމެން ހެޔޮއަގެއްގައި ކުނޑުމަސް ފޯރުކޮށްދޭނަން. އެގޮތަށް ވަރަށް ގިނަ ބާވަތްތަކުން ރަނގަޅު އަގެއް ދެވޭނެ،" ސަނިއްޔާ ވިދާޅުވިއެވެ.

ސަނިއްޔާ ވިދާޅުވީ އެ މަސައްކަތަށް ހޮވޭ ފަރާތްތަކުން އާންމުންގެ މެދުގައި އިތުބާރު ހޯދާފައިވާ މިފްކޯގެ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގިނަ ބާވަތްތައް އުފެއްދުމަށް ބާރުއަޅާނެ ކަމަށާއި އަދި އާ ގިނަ ބާވަތްތައް ބާޒާރަށް ނެރުމަކީ އެންމެ ބޮޑު އަމާޒު ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިފްކޯއަށް ޕްރޮޕޯސަލް ހުށަހެޅަންޖެހޭ އިރު، ގޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދޫކޮށްފައިވާ ހުއްދައިގެ ކޯޑު މިފްކޯއަށް ހުށަހަޅަންޖެހެއެވެ. އަދި ސަޕްލައި ކޮށްދެވިދާނެ ބާވަތްތަކުގެ ނަމާއި އޭގައި އެކުލެވޭ ބައިތަކުގެ ތަފްސީލު ހިމަނަންޖެހެއެވެ.

އޭގެ އިތުރުން ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އާާއި ގުޅޭނެ ފޯނު ނަންބަރު އަދި ކޮންމެ ބާވަތަކުން 500 ގްރާމްގެ ސާމްޕަލް ހުށަހަޅަން ޖެހެއެވެ.

މިފްކޯ އިން ބުނީ ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އެ ކުންފުނިން އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އިއްޔެ އިން ފެށިގެން މިފްކޯއިން އާންމުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ އިރު، ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުން ގަޑިއަކީ މި މަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. އެގޮތުން މިފްކޯގެ ކޯޕަރޭޓް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް ޕްރޮޕޯސަލްތައް އާންމުންނަށް ފޮނުވޭނެ ކަމަށާއި މިފްކޯގެ 3323932 އަށް ގުޅުމުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.