ޚަބަރު

ދެ ގެއަކުން ގެއްލުނު ވަކިލާރިތަކުގެ ތެރެެއިން ބައެއް ފުލުހުން ހޯދައިފި

ނ.ލަންދޫ ދެ ގެއަކުން ގެއްލުނު ވަކިލާރިތަކުގެ ތެރެެއިން ބައެއް ފުލުހުން މިއަދު ހޯދައިފިއެވެ.

ފުލުހުން ބުނީ މިމަހުގެ ދިހަވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ލަންދޫގެ، ދެ ގެއަކުން ވަކި ލާރިތަކެއް ގެއްލިގެން، އެދުވަހު 8:00 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

އެތަނުން އެއްގެއިން ގެއްލިފައިވާ ކަމަށް އަންދާޒާ ކުރަނީ ފައްސަތޭކަ ރުފިޔާގެ ވަކިލާރި ކަމަށާއި، އަނެއް ގެއަކުން އަންދާޒާ ކުރަނީ ގާތްގަނޑަކަށް ތިންހާސް ރުފިޔާގެ ވަކިލާރި ގެއްލިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ދެގެއިން ގެއްލުނު ކަމަށް ބެލެވޭ ލާރި ތަކުުގެ ތެރެއިން ގިނަ އަދަދެއްގެ ވަކި ލާރި ފެނިފައިވަނީ، އެ މައްސަލައާ ގުޅިގެން މިއަދު 1:30 އެހާކަންހާއިރު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ލަންދޫ އިރުމަތީކޮޅު ކުނިގޮނޑު ސަރަހައްދު ބަލައި ފާސްކުރަނިކޮށް ކަމަށެވެ.

މި ވަކިލާރިތަކުގެ ޖުމްލަ އަދަދަކީ ބާރަސަތޭކަ އަށްޑިހަ ހަތްރުފިޔާ އަށްޑިހަ ނުވަ ލާރި ކަމަށާއި އޭގެ ތެރޭގައި 41 އިންޑިއާ ރުޕީސް ހިމެނޭކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައިނުވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.